އެސްޓީއޯގެ ސުޕަ މާޓްގެ ޖާގަ މިހާރަށް ވުރެ ތިން ގުނަ ބޮޑުކޮށް، އަންނަ ރޯދަމަހަށް އަލުން ހުޅުވަން ނިންމައިފި އެވެ.

ސަރުކާރާއި އާއްމުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޕީއެސްއެމްއަށް ވިދާޅުވެފައި ވަނީ ސުޕަމާޓް ބޮޑުކޮށް، އަލުން ހުޅުވާއިރު އާންމު ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.

"މިހާރު ސުޕަ މާކެޓްގެ ކުރީގެ ސައިޒަށްވުރެ ތިން ގުނަ ބޮޑުވާނެ ދެން ހުޅުވިގެންދާއިރު. ހޯމްއިންޕްރޫވްމަންޓް މިހާރު ހުންނާނެ ކަސްޓަމް ސަރަހައްދުގައި އެތަން އަޅުގަނޑުމެން ބަދަލުކުރާނަން ޓްރޭޑް ސެންޓަރަށް،" އޭނާ ވިދާޅުވެފައިވެ އެވެ.

އެސްޓީއޯ އިން ބުނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ސްޕަމާޓް ބޮޑުކޮށް މިމަހުގެ މެދު ތެރޭގައި އަލުން ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އެސްޓީއޯގެ ސްޕަމާޓް ބޮޑުކޮށް އަލުން ހުޅުވާއިރު އެތަނުގައި އާންމު ވިޔަފާރިތަކަށް ވެސް ތަކެތި ވިއްކުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފަ އެވެ.

"އޭގެ އިތުރުން މިހާރު ހުޅުވާލީ އާންމު ވިޔަފާރިތަކަށް އެތަނުގައި ތަކެތި ވިއްކަން. އެގޮތުން އަޅުގަނޑުމެން ފޯނާއި ލެޕްޓޮޕާއި މާލޭގައި އެކަން އެންމެ ވަރުގަދައަށް ކުރާ ޕާޓީއާ މިހާރު މި ހަވާލުކުރީ. އެ މީހުން ގެނެސް އެ މީހުން އެތަނުގައި އެއްޗެހި ބަހައްޓައިގެން ވިއްކާނީ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން ވިދާޅުވީ، ސްޕަމާޓު ބޮޑުކޮށް އަލުން ހުޅުވާއިރު ކޮސްމެޓިކްސްއާއި، ރީތިވުމަށް ބޭނުންކުރާ ސާމާނާއި، ބޭކަރީތަކާއި، ތަރުކާރީއާއި މެވާ ވިއްކުމުގައި މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ވިޔަފާރިތަކުގެ ރެކުތައް ހުންނާނެ ކަމަށެވެ. މީގެ ސަބަބުން އެ ވިޔަފާރިތަކަށް ބޮޑު ކަސްޓަމާ ބޭސްއެއް ލިބި އެ ވިޔަފާރިތަކަށް ތަކެތި ވިއްކާނެ މާހައުލެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިހާރު ވެސް މާލެ ސަރަހައްދުގައި ކާބޯތަކެއްޗާއި އެނޫން ވެސް އެކި ބްރޭންޑްތަކުގެ އެންމެ މޮޅު އުފެއްދުންތައް އެއްތަނަކުން ލިބެން ހުންނަނީ އެސްޓީއޯ ސުޕަ މާޓުންނެވެ.