ކުރީގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ދަށުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހު ހަވާލުކުރަން ނިންމައިފި އެވެ.

އެމްއޭސީއެލް އިން ދެ ޓަވަރު އަޅަން ހަވާލުކުރީ އެއާޕޯޓުގެ އާ ރަންވޭ މަސައްކަތާއި ކާގޯ ޓާމިނަލްގެ މަސައްކަތްތައް ވެސް ކުރި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ 12 ގައި މަސައްކަތް ފެށި، އެ ޓަވަރުތައް އަޅަން އެ ކުންފުންޏާ ހަވާލުކުރީ 400 މިލިއަން ރުފިޔާ އަށެވެ.

އެމްއޭސީއެލްއިން ބުނީ އެ ދެ ޓަވަރުގެ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މުވައްޒަފުންގެ ތެރެއިން އެޕާޓްމެންޓްތައް ލިބިފައިވާ ފަރާތްތަކަށް ތަން ދައްކާލުމުގެ މަސައްކަތާއި އެންމެ ފަހުގެ މައުލޫމާތުދިނުމުގެ ބައްދަލުވުންތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލް އިން ހެދި ރެސިޑެންޝަލް ދެ ޓަަވަރު. މިތަން ލިބުނު ފަރާތްތަކަށް ތަޅުދަނޑި އަންނަ މަހު ހަވާލުކުރާނެ. ފޮޓޯ: އެމްއޭސީއެލް

އެ ތަނުގައި ޖުމްލަ 384 އެޕާޓްމެންޓް ހުރެ އެވެ. އެއީ 2 ކޮޓަރި (2+1) ގެ 240 އެޕާޓްމެންޓާއި 1 ކޮޓަރީގެ 72 އެޕާޓްމެންޓެވެ.

އެމް.އޭ.ސީ.އެލްއިން މި ފްލެޓްތައް މުވައްޒަފުންނާ ހަވާލުކުރުމުގެ މަސައްކަތްކުރިއަށް ގެންދާއިރު، މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓާއި، ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ލަސްވުން ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލް އިން ހެދި ރެސިޑެންޝަލް ދެ ޓަަވަރު. މިތަން ލިބުނު ފަރާތްތަކަށް ތަޅުދަނޑި އަންނަ މަހު ހަވާލުކުރާނެ. ފޮޓޯ: އެމްއޭސީއެލް

"އެމްއޭސީއެލްއިން މިހާރުދަނީ މި ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން. މިކުންފުނީގެ އަމާޒަކީ އަންނަ އޭޕްރީލްމަހު މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކުރުން،" އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކެނަލް ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ ދެ ޓަވަރުގެ 99 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލް އިން ހެދި ފްލެޓްތައް. މި ދެ ޓަވަރުގެ 99 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ މި ފްލެޓްތަކަކީ ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ އެންމެ ފެންވަރު ރަނގަޅު ފްލެޓްތަކަށް ހެދުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.