ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހއ. މޮޅަދޫގައި އީކޯ ޕާކެއް ހުޅުވައިފި އެވެ.

ބީއެމްއެލްއިން ބުނީ މޮޅަދޫގައި އީކޯ ޕާކެއް ހުޅުވީ، ރަށުގެ ކުޅީގެ ގުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމަށް ކަމަށެވެ. އަދި އެއީ ކުޅީގެ ގުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރަތްކުރާ މީހުންނާއި ހާއްސާކޮށް ރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މަގްސަދުގައި އެކުންފުނިން ކުރި މަސައްކަތެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްގީކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ކުޅި ހިމެނޭ ސަރަޙައްދުގައި ބެންޗު ބަހައްޓައި، ޖޯލިފަތި، އުނދޯލި އަދި ޑަސްބިން ބެހެއްޓުމުގެ އިތުރުން ސޯލާ ބައްތި ހަރުކުރެވިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"މިއީ މި ރަށުގައި ލޯކަލް ޓްއަރިޒަމް ފުޅާކުރުމާއި މި ރަށުގެ ރީތިކަން ރަށަށް ޒިޔާރަތްކުރާ ފަރާތަތްތަކަށް ފެންނާނެހެން ކުރިޔަށް ގެންދެވުނު ވަރަށް ހާއްސަ ޕްރޮޖެކްޓް އެއް. މި ސަރަހައްދަކީ މިރަށުގެ އެންމެންނަށް ވެސް ބޭނުންތެރި ތަނަކަން ވުމަކީ އަޅުގަނޑުމެންގެ އުންމީދު،" ޕްރޮޖެކްޓް ކާމިޔާބު ކުރި ޗިލް ބްރޯސް ޖަމިއްޔާއިން ވިދާޅުވި އެވެ.

ބީއެމްއެލްއިން ކުރިއަށްގެންދާ ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ފަންޑެކެވެ. މި ފަންޑަށް ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން މިހާރު ދަނީ މިއަހަރުގެ ފުރަތަމަ ކުއާޓާ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުން ކަމަށް އެ ބޭންކުން ބުންޏެވެ.