ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ސޯޝަލް މީޑިއާގައި ހިންގާ ބޮޑު ފްރޯޑް ސްކީމެއް ހިންގާތީ ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، މި ސްކީމް ހިންގަމުން ދަނީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ ފޭސްބުކާއި ޓެލެގްރާމް ފަދަ ނެޓްވޯތަކުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ކުރެއްވި ސިޔާސީ ބޭފުޅަކު އިސްވެ ހުންނަވައި ފުޅާ ދާއިރާއެއްގައި މިފަދަ ސްކީމެއް ދަނީ ހިންގަމުންނެވެ. އަދި އެ ސްކީމް މެދުވެރިކޮށް މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށްވެ އެވެ.

އެ ސްކީމް ހިންގާ ފަރާތަށް ފައިސާ ދެއްކި ކަމުގެ އެއްވެސް އެއްބަސްވުމެއް ނުހަދަ އެވެ. އަދި އެ ފައިސާ ނުދީފި ނަމަ އަނބުރާ ހޯދޭނެ ގޮތެއް ވެސް ނޯވެ އެވެ. މި ސްކީމްގެ ތެރޭގައި ބައެއް ވިޔަފާރިވެރިން ވެސް ހަރަކާތްތެރިވާ ކަމަށްވެ އެވެ.

"މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށް. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނީ ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ސްކީމްއަށް ދޭ ފައިސާއަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށް ވެސް އަނބުރާ ދެވޭނެ އެެއްޗެއް ނޫން ކަން އެމްއެމްއޭއިން ހަނދާން ކޮށްދީފައިވެ އެވެ.

އެމްއެމްއޭއިން ވަނީ މިފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި، އޭގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފަ އެވެ.