ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކުރަމުން އަންނަ ކިންގްސް ފޮރެކްސް "އިންވެސްޓްމަންޓް ސްކީމް" ގެ އެކައުންޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ފްރީޒްކޮށްފި އެވެ.

ކިންގްސް ފޮރެކްސްގެ ނަމުގައި ހިންގާ އެ ސްކީމްގައި ފައިސާ ޖަމާކުރަން ދީފައިވާ އެކައުންޓް ނަމްބަރުގެ ވެރިފަރާތަކީ ކިންގްސް ކެޕިޓަލް ހޮލްޑިން ޕްރައިވެޓް ލިމިޓެޑް އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މިފަދަ ސްކީމްތަކުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޓްރާންސެކްޝަންތަކެއް ހިނގަމުންދާތީ ރާއްޖޭގެ ބޭންކުތަކުން ވަނީ އެކަން އެމްއެމްއޭގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެއާއެކު އެމްއެމްއޭ އިން ވަނީ އެފަދަ ޓްރާންސެކްޝަތައް ހިންގާ އެކައުންޓްތައް މޮނިޓާކުރުމަށްފަހު ފިޔަވަޅު އަޅަން ވެސް އަންގައިފަ އެވެ. އަދި އެ އެންގުމާ އެއްގޮތަށް ބޭންކުތަކުން ދަނީ އެފަދަ އެކައުންޓްތައް ފްރީޒްކުރަމުން ކަމަށް ވެސް އެނގިފައިވެ އެވެ.

ނަމަވެސް ކިންގްސް ފޮރެކްސްގެ ނަމުގައި ހިންގާ ސްކީމަކީ ސީދާ ފްރޯޑް ސްކީމެއް ކަމެއް އެމްއެމްއާއި އެއްވެސް ބޭންކަކުން ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ކިންގް ފޮރެކްސްގެ ނަމުގައި ހިންގާ ޓެލެގްރާމް ގްރޫޕްގައި ބުނެފައި ވަނީ "ދާދި ދެންމެ ބޭންކް އޮފް މޯލްޑިވްސް އިން ފޯނުން ގުޅައި ވަކި ސަބަބަކާ ނުލައި މި ކުންފުނީގެ އެކައުންޓް ފްރީޒް ކުރި ވާހަކަ މި ކުންފުންޏަށް އަންގައިފި. މިއަދާ ހަމަޔަށް ދައްކަން ހުރި ޕޭއައުޓްސް މިހާރު ހުންނާނީ ފޮނުވާ ނިމިފައި،" ކަމަށެވެ.

ފްރޯޑް ސްކީމެއް ހިންގާތީ ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިރޭ އިލްތިމާސްކޮށް އަދި މިފަދަ ސްކީމްތަކާމެދު ފިޔަވަޅު އެޅުމަށް ބޭންކުތަކުން އެދިފައިވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި ހިންގާ މިފަދަ ބައެއް ސްކީމްތަކުން މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.

އެމްއެމްއޭއިން މިރޭ ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، މި ސްކީމް ހިންގަމުން ދަނީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ ފޭސްބުކާއި ޓެލެގްރާމް ފަދަ ނެޓްވޯތަކުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށް. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނީ ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ސްކީމްއަށް ދޭ ފައިސާއަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށް ވެސް އަނބުރާ ދެވޭނެ އެެއްޗެއް ނޫން ކަން އެމްއެމްއޭއިން ހަނދާން ކޮށްދީފައިވެ އެވެ.

އެމްއެމްއޭއިން ވަނީ މިފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި، އޭގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފަ އެވެ.