Advertisement

53 ބިލިޔަން ފީފާ ހުރި ތެޔޮވަޅެއް އީރާނުން ހޯދައިފި

FacebookTwitterWhatsAppTelegramViber

53 ބިލިޔަން ފީފާގެ ތެޔޮ ހުރި މާސިންގާ ތެޔޮ ވަޅެއް އީރާނުން ހޯދައިފި ކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ މިދިޔަ އާދީއްތަ ދުވަހު އިޢުލާންކުރައްވައިފި އެވެ. މި ހޯދުމުގެ ސަބަބުން، އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުތަކުގެ ސަބަބުން ހަފުސްވެފައިވާ އެ ޤައުމުގެ އިޤްތިޞާދަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ތެޔޮވަޅު އޮތީ އީރާނުގެ ހުޅަނގު ދެކުނު ގައި އޮންނަ ޚުޒެސްތާނު ޕްރޮވިންސް ގެ 2،400 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ. ފުން މިނަކީ 80 މިޓަރ (262 ފޫޓު) ކަމަށް ވެސް އީރާނުގެ ރައީސް ވިދާޅުވި އެވެ.

މި ތެޔޮވަޅު ވެގެންދާނީ އީރާނުގެ ދެވަނަ އަށް އެންމެ ބޮޑު ތެޔޮވަޅަށެވެ. އެއީ، އަހްވާޒު ގައި އޮންނަ 65 ބިލިޔަން ފީފާ ތެޔޮ ހުންނަ ވަޅަށް ފަހު ދެވަނަ އެވެ.

އީރާނަކީ އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް (އޯޕެކް) ގެ މެމްބަރ ޤައުމެކެވެ. މިހާތަނަށް އީރާނުގައި ހުރި ތެލުގެ ރިޒާވަކީ، 155.6 ބިލިޔަން ފީފާ އެވެ. އަލަށް މި ހޯދި ތެލާއެކު، އީރާނުގެ ތެލުގެ ރިޒާވް 34 ޕަސެންޓަށް އިތުރުވެގެންދާނެ އެވެ.

އެމެރިކާގެ އެނާޖީ އިންފޯމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން އީރާން ރޭންކުކުރަނީ ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ގިނަ ތެޔޮ ހުރި ޤައުމުގެ ގޮތުގައެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޠަބީޢީ (ނެޗުރަލް) ގޭސް ރިޒާވް ހުރި ޤައުމުގެ ގޮތުގައެވެ.

އަލަށް މި ހޯދުނު ތެލުގެ މިންވަރު ޔަޤީންކުރެވިއްޖެ ނަމަ، އީރާނަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ގިނައިން ތެޔޮ ހުރި ޤައުމަށް ބަދަލުވާނެ އެވެ. އެއީ، ސަރަޙައްދީ ހަތުރު ކަމުގައިވާ ސަޢޫދީ ޢަރަބިޔާ އަށް ވުރެ އެއް ދަރަޖަ ދަށުންނެވެ. ސަޢޫދީ ޢަރަބިޔާ އަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ތެލުގެ ރިޒާވް ހުރި ޤައުމެވެ.

މިދިޔަ މަހު އީރާނުން ވަނީ، 40 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭ މިންވަރުގެ ނެޗުރަލް ގޭސް ހޯދިއްޖެ ކަމަށް އިޢުލާންކޮށްފައެވެ. ރޫޙާނީ ވިދާޅުވީ އެންމެ ފަހުން މި ހޯދުނު ތެލާ އެކު އީރާނުގެ ތެލުގެ ރިޒާވްގެ ތިންބައިކުޅަ އެއްބައި އިތުރުވާނެ ކަމަށެވެ.

މި އާ ހޯދުމާ އެކު، އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތަކުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ އީރާނުގެ އިޤްތިޞާދަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބިގެންދާނެ އެވެ. ރޫޙާނީ ވިދާޅުވި ގޮތުގައި، އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް އީރާނުން މިދަނީ ކާމިޔާބުތަކެއް ހޯދަމުންނެވެ.

"މިއަދު އަޅުގަނޑުމެން އެމެރިކާ އަށް މި އިޢުލާންކުރަނީ، އަހަރެމެންނަކީ، މުއްސަނދި ޤައުމެކޭ. ކަލޭމެންގެ ޢަދާވާތްތެރިކަމާއި، ދަތިކުރުމާ އެކު ވެސް އަހަރެމެންގެ ތެލުގެ އިންޑަސްޓްރީ ގައި މަސައްކަތްކުރާ މީހުންނާއި އިންޖިނޭރުން މި ވަނީ، މި ބޮޑު ތެޔުވަޅު ހޯދާފަ"، ރޫހާނީ ވިދާޅުވި އެވެ.

ތެޔޮ ހޯދުނަސް، މި ތެޔޮ އީރާނަށް ވިއްކުމަށް ހުރި ހުރަސްތަކާ އެކު، އެ ޤައުމަށް މި ހޯދުމުން ލިބޭނެ ފައިދާ މި ވަގުތަށް ކުޑަވެދާނެ އެވެ. މިދިޔަ މޭމަހު އެމެރިކާ އިން ވަނީ، އީރާނުން ތެޔޮ ގަތުމަކީ، މަނާކަމެއް ކަމަށް ނިންމާފައި އޮތް އޮތުން އަލުން ދަމަހައްޓާފައެވެ. ނަތީޖާއެއްގެ ގޮތުން އީރާނުގެ ފައިސާ ދަށަށް ގޮސް، ތަކެތީގެ އަގޮ ބޮޑުވެފައި ވެއެވެ. އެ ޤައުމުގެ އިޤްތިޞާދު މި އަހަރު ވެސް 9.5 ޕަސެންޓް ދަށަށް ދާނެ ކަމަށް އައިއެމްއެފް އިން ވަނީ އަންދާޒާކޮށްފައެވެ. މިދިޔަ އަހަރު ވެސް އިޤްތިޞާދު ވަނީ 6 ޕަސެންޓް ދަށަށް ގޮސްފައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top