މާލެ ސަރަހައްދުގައި ފަސޭހައިން ޓެކްސީ ލިބޭނެ ގޮތް ހެދުމަށް އުފައްދާފައިވާ މޮބައިލް އެޕްލިކޭޝަން "އަވަސް ރައިޑް" އިން ނަގާ މަހު ފީ 500ރ. އަށް ބޮޑުކޮށްފި އެވެ.

ޓެކްސީގެ ހިދުމަތްދޭ ޕްރައިވެޓް ކާރުތަކުން ނަގާ ފީ 300ރ. އިން 500ރ. އަށް އަވަސް ރައިޑުން ބޮޑުކުރިއިރު، ތެލުގެ ބޮޑުވެގެން ހަރަދުތައް ދެކޮޅު ނުޖެހޭ ކަމަށް ބުނެ މާލޭގެ ޓެކްސީ ޑްރައިވަރުން ދަތުރުތައް ހުއްޓާލައި ހަޅުތާލުކުރަމުންނެވެ. އަދި ޓެކްސީގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންތައް ވެސް ރޭ ޑައުންކޮށް ހިދުމަތް ދިނުން ހުއްޓާލި އެވެ. މީގެ ތެރޭގައި ވެސް އަވަސް ރައިޑް ހިމެނެ އެވެ.

އަވަސް ރައިޑްގެ އިތުރުން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ކެބް އެމްވީ ކިޔާ ބަޔަކު ވެސް ދެމުން ގެންދެ އެވެ.

ޕްރައިވެޓް ކާރެއްގައި ޓެކްސީގެ ހިދުމަތް ދޭ މީހަކު ބުނީ އަވަސް ރައިޑުން ރޭ ފޮނުވި މެސެޖެއްގައި ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޕްރައިވެޓް ކާރުތަކުން ނަގާ ފީ 500ރ. އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ދޭ ހިދުމަތުގެ އަގު ބޮޑުކުރަނީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަވަސް ރައިޑް އެޕްލިކޭޝަންގެ އަގު މިހާ ބޮޑުކުރަން ޖެހޭ ސަބަބެއް ނުވިސްނޭ. އެ އެޕްލިކޭޝަން ހިންގަން ކުރަން ޖެހޭ ހަރަދު ބޮޑުވެގެންތޯ، ނުވަތަ މިހާރު ޑްރައިވަރުން ކުރާ ހަޅުތާލާ ގުޅިގެން ޕްރައިވެޓް ކާރުތައް ގެންގުޅޭ މީހުން ފިއްތާލަންވެގެން ތޯ މިއީ އުފެދޭ ސުވާލުތަކެއް،" އެ ޑްރައިވަރު ބުންޏެވެ.

އޭނާ ބުނީ ހިދުމަތުގެ އަގު ބޮޑުކުރާއިރު އެ އެޕްލިކޭޝަންގެ އެތައް މައްސަލައެއް ވެސް އުޅޭ ކަމަށެވެ. އެގޮތުން ފަސިންޖަރު ހުންނަ ލޮކޭޝަން ދިމާނުވުމުގެ މައްސަލަ އެ ޑްރައިވަރު ފާހަގަކުރެ އެވެ.

"މި އެޕްލިކޭޝަންގައި އެތައް މައްސަލައެއް ވެސް އެބައުޅޭ. އަދި އެޕްލިކޭޝަންގައި ރަޖިސްޓްރީކުރާއިރު އެ ކާރު އަސްލު ރަޖިސްޓްރީކޮށްފައި އޮތީ މާލެއަށްތޯ ވެސް ބަލައެއް ނުލާ،" އޭނާ ބުންޏެވެ.

އަވަސް ރައިޑް ހިންގާ ޓަވިޔަނި ކުންފުނީގެ ވެރިޔާ ހަސަން ރަމީޒް "ހުރިހާ"އަށް މިއަދު ވިދާޅުވީ މަހު ފީ ބޮޑުކުރުމަކީ މެނޭޖްމަންޓުން ނިންމާފައި އޮތް ކަމެއް ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު ތަފުސީލް ދޭން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.

އަވަސް ރައިޑްގައި ރަޖިސްޓްރީކޮށްގެން 2،000 އަށް ވުރެ ގިނަ ވެހިކަލް ޓެކްސީގެ ހިދުމަތް ދޭ ކަމަށްވެ އެވެ.