މުޅި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލިގެން ދިޔަ ނަމަވެސް، މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ.

އެގޮތުން "ފްލެޓް ރޭޓެއްގައި" ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ދުނިޔޭގައި ތެލުގެ އަގު ބޮޑުވެގެން ގޮސްފައިވަނީ ރަޝިއާ އާއި ޔޫކްރޭނުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރަމުންދާ ހަނގުރާމަ ފެށުމުގެ ސަބަބުންނެވެ.

ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅުވާ ގައުމުތަކަށް ތެޔޮ ބޭރު ނުކުރަން އެގައުމުން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ އެ ގައުމާ ދެކޮޅުވާ ގައުމުތަކުން ވެސް ރަޝިއާއިން ތެޔޮ ނުގަންނަން ވަނީ ނިންމާފަ އެވެ.