ރާއްޖޭން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެކްސްޕޯޓް ކުރި މަހުގެ އަދަދު 24 ޕަސަންޓް ދަށްވެއްޖެ އެެވެ.

އެމްއެމްއޭއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި ރާއްޖޭން ވަނީ ޖުމްލަ 20،685.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފަ އެވެ. ނަމަވެސް 2020 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިދިޔަ އަހަރުގެ ފަހު ތިން މަހު އެކްސްޕޯޓް ކުރި މަހުގެ ޖުމްލަ އަދަދުން ވަނީ 6،540.8 މެޓްރިކް ޓަނުގެ މަސް މަދުވެފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މަސް އެކްސްޕޯޓް ކުރި އަދަދު ދަށްވުމާ ގުޅިގެން ގަނޑުކުރި ކަޅުބިލަ މަސް އެކްސްޕޯޓް ކުރި އަދަދު ވަނީ 31 ޕަސަންޓް ދަށްވެފަ އެވެ. އަދި ރީދޫ އުރަހަ ކަންނެލި އެކްސްޕޯޓް ކުރި އަދަދު ވެސް ވަނީ 46 ޕަސަންޓް ދަށްވެފަ އެވެ.

އެކަމަކު ތާޒާކޮށް ބޭރުކުރި ރީދޫ އުރަހަލީ ކަންނެލި އެކްސްޕޯޓް ކުރި އަދަދު ވަނީ 41 ޕަސަންޓް އިތުރުވެފަ އެވެ. އަދި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު ވަނީ 41 ޕަސަންޓް އިތުރުވެފަ އެވެ.