އެއާޕޯޓްތަކުން ފުރާ މީހުންގެ އަތުން މި އަހަރު އަލަށް ނަގަން ފެށި "ޑިޕާޗާ" ޓެކުހުން ސަރުކާރަށް މިހާތަނަށް 102 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާ އިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެކަނި ވެސް އެ ޓެކުހުން 51 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް 102 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސަރުކާރުން މި އަހަރު އަލަށް ނަގަން ފެށި ޑިޕާޗާ ޓެކުހަކީ 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ހުއްޓާލައި އޭގެ ބަދަލުގައި ނަގަން ފެށި ޓެކުހެކެވެ. އޭޑީސީ ނަގަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުން އެކަންޏެވެ. ނަމަވެސް އަލަށް ނަގަން ފަށާފައިވާ ޑިޕާޗާ ޓެކްސް، ރާއްޖޭގެ އެހެން އެއާޕޯޓަކުން ބޭރަށް ފުރިނަމަވެސް ނަގާނެ އެވެ.

ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 11ވަނަ ދުވަހު އެވެ. މި ޓެކްސް ނަގަނީ ހަތަރު ކްލާހަކަށް ބަހާލައިގެންނެވެ. ޑިޕާޗާ ޓެކްސްގެ ގޮތުގައި މި އަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު މި އަދަދު 874 މިލިއަން ރުފިޔާގައި ހުންނައިރު 2023 ވަނަ އަހަރު މި އަދަދު 960 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.