ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 34 މޮޓޮރައިޒްޑް ވީލްޗެއާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދިޔާކޮށްފި އެެވެ.

ބީއެމްއެލް އިން ބުނީ 20 ރަށެއްގައި ދިރިއުޅޭ މީހުންނަށް ދިން މި އެހީއާއެކު، ބޭންކުގެ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 އަށް ވުރެ ގިނަ ވީލްޗެއާ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުން މި ޕްރޮގްރާމް ފެށީ ރާއްޖޭގައި މިފަދަ ވީލްޗެއާގެ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށް ވީލްޗެއާއެއް ހަދިޔާކުރުމުގެ އަމާޒުގައި ކަމަށެވެ.

" މި އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތާމެދު އަޅުގަނޑުމެން ފަހުރުވެރިވޭ. މި ވީލްޗެއާގެ ޒަރިއްޔާއިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭ. މި ޕްރޮގްރާމްގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް" ސީއީއޯ ވިދާޅުވި އެވެ.

ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވީލް ޗެއާ ހަދިޔާކުރުމުގެ ގޮތުން ދިން ވީލްޗެއާ އާއެކު ބީއެމްއެލްގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ބީއެމްއެލް

ބޭންކުން 2017 ވަނަ އަހަރު ފެށި ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާއެއް ހަދިޔާ ކުރުމެވެ.

އެ ބޭންކުން އަންނަނީ އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވަމުންނެވެ. މިގޮތުން މިދިޔަ ޑިސެންބަރު މަހު ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސްގެ "ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް" ހިންގުމަށް އެ އެސޯސިއޭޝަން އަށް 100،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.