ކަސްޓަމަރުންގެ އެތައް މިލިއަން ޑޮލަރަކާއިއެކު ޓްރެވަލް އެޖެންސީއެއް ހިންގި ބިދޭސީ އަންހެނަކު ފިލައިފި އެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި އެތައް މިލިއަން ޑޮލަރަކާއެކު ފިލާފައިވަނީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ތަސްނީމް މޫސާ އެވެ. އަދި އޭނަ ހިންގި ކުންފުނީގެ ނަމަކީ "ހެލޯ ޑާލިންގްސް" ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ތަސްނީމްގެ ޓްރެވަލް އެޖެންސީން ވަނީ ރާއްޖެ ހިމެނޭ ގޮތަށް އެތައް ގައުމުތަކުގެ ޕެކޭޖްތަކެއް ފަތުރުވެރިންނަށް ވިއްކާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ފުރަތަމަ ވަނީ ބައެއް މަޝްހޫރު ތަރިންނަށް ވަރަށް އަގު ހެޔިކޮށް ޓްރެވަލް ޕެކޭޖްތައް ވިއްކާފަ އެވެ. އަދި އެކުންފުނި ސޯޝަލް މީޑިއާގައި އިސްތިހާރުކޮށް އެތައް ބަޔަކަށް ފަހު ޕެކޭޖްތައް ވިއްކުމަށް ފަހު އޭނާ ވަނީ ފިލާފަ އެވެ.

ތަސްނީމް މޫސާއާއި ދެކޮޅަށް 200 އަށްވުރެ ގިނަ ކޭސް މިހާރު ދެކުނު އެފްރިކާގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު ތަސްނީމް ވަނީ އޭނާގެ ސޯޝަލް މީޑީއާ އެކައުންޓްތަކާއި އެކަމަށް ބޭނުންކުރި ވެބްސައިޓް ވެސް ބްލޮކްކޮށްލާފަ އެވެ.

ތަސްނީމް މޫސާ ހޯދުމުގެ މަސައްކަތް ދެކުނު އެފްރިކާގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު ތަސްނީމް ބުނެފައި ވަނީ އޭނާ ބަޔަކަށް ލަނޑުދީފައި ފިލީކީ ނޫން ކަމަށާއި ވިޔަފާރި ފެއިލްވީ ކަމަށެވެ.