ޔޫކްރެއިންގެ ހަނގުރާމައާ ހެދި އިގްތިސޯދަށް ލިބިދާނެ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮވިޑުގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލާއިރު، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް އެ އަންނަނީ އަޅުގަނޑުމެންގެ ބޯމައްޗަށް އަރަމުން ކަމަށެވެ.

"އާދެ، ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ. އެ ހަނގުރާމައިގެ ލޮޅުންތައް އެދަނީ މުޅި ދުނިޔެއަށް ގުޑުން އަރުވަމުން. ހަނގުރާމަ އެ ހިނގަނީ ރާއްޖެއާ އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައި. އެހެންވިޔަސް، އެ ހަނގުރާމައިން އުފެދޭ އިގްތިސޯދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ގައުމަކަށް އެބަ ފޯރާ. އެކަމުގެ ލޮޅުންތައް ރާއްޖެއަށް ވެސް ފޯރަން ފަށައިފި. ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު. އެހެންކަމުން، ރާއްޖޭގެ އިގްތިސޯދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެ ހަނގުރާމައިން އުފެދޭ އިގްތިސޯދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ގައުމަކަށް އެބަ ފޯރާ. އެކަމުގެ ލޮޅުންތައް ރާއްޖެއަށް ވެސް ފޯރަން ފަށައިފި. ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު. އެހެންކަމުން، ރާއްޖޭގެ އިގްތިސޯދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ،"
ރައީސް

ރައީސް ވިދާޅުވީ ޔޫކްރެއިން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތުމުގެ މައްޗަށް ކަމަށާއި މިއީ، އ.ދ ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން މި އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމަ. ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް، މިމަހުގެ ދެ ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ގައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް ކަމަށެވެ. އަދި އެމީހުންނަށް ލިބެމުންދާ އަނިޔާތަކާމެދު ހަމްދަރުދީވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުން ވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަޤްވާމީ މުޖުތަމައުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިން ވެސް ތަކުރާރުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހަނގުރާމަ ކޮންމެ ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ފޫބައްދަން ވެސް އެހާ ދުވަސް ނަގާނެ ކަމަށާއި އެހެންކަމުން، ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މި އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެއް ކަމަކީ، މި ހަނގުރާމައިގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިޔުން. އަނެއް ކަމަކީ، ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ޤައުމަށް ދެވޭނެ ދުވަހެއް ޔަގީންނުވާތީ، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް ހޯދައިދިނުން. އެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ހާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

"ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އިން މިހާރު އެ އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.