މިދިޔަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މީރާއިން ހަމަޖައްސައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް އެހީތެރިކަމަށް އެދޭ ފަރާތްތަކުގެ އަދަދަށް ބަލައި، މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް"އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޙްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2021 ވަނަ އަހަރަށް އެފަރާތުން ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ އީމެއިލްކޮށްގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅައިގެން ނަން ނޯޓްކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފަ އެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 15ވަނަ ދުވަހުން ފެށިގެން މޭ މަހުގެ ނިޔަލާ ހަމައަށެވެ.