ތަފާތު އެކި އިޖާދީ ހިޔާލުތައް ބަދަލުކޮށް، އެފަދަ މަަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު "ޓެޑް ޓޯކްސް"ގެ ދަށުން ރާއްޖޭގައި ބާއްވާ 'ޓެޑްއެކްސް' އިވެންޓުގެ ޓްރެވަލް ޕާޓްނަރަކަށް މަންޓާ އެއާ މިއަދު ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ "ޓެޑްއެކްސް" ހަރަކާތް އިންތިޒާމުކުރަނީ ބ. އަތޮޅުގައި ހިންގާ ސޮނޭވާ ފުށި ރިސޯޓުންނެވެ. އެ އިވެންޓުގެ ޓްރެވަލް ޕާޓްނަރަކަށް މަންޓާ އެއާ ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

މި އިވެންޓްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ދަ ސްލޯ ލައިފް" އެވެ. ސޮނެވާ ފުށީގައި މި އިވެންޓް އޮންނާނީ މާޗް 19، ގަ އެވެ.

ޓެޑެކްސް އަކީ އެމެރިކާގެ ޓެޑް ކުންފުނީގެ ލައިސެންސްގެ ދަށުން އެ ބަޔެއްގެ އަމިއްލަ ގައުމުގައި އާ ހިޔާލުތައް ހޯދައި އެންމެފަހުގެ ރިސާޗްތަކާ އެކު މުޖުތަމައުގައި ހިޔާލު ބަދަލުކުރުމަށް ފުރުސަތު ދިނުމަށް ކުރިޔަށްގެންދާ އިވެންޓްތަކެވެ.

މި އެއްބަސްވުމުގައި މަންޓާ އެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް މެނޭޖަރު އިބްރާހިމް ޝިފާން އެވެ. އަދި، ޓެޑެކްސް ބ. އަތޮޅު އިވެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިވެންޓްގެ ކޯ-އޯގަނައިޒާ ނީލާ ޕަޓީ އެވެ.

ޓެޑްއެކްސް ބާ އެޓޯލް އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޓެޑްއެކްސް އިވެންޓުކަން ފާހަގަކުރައްވައި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މި އިވެންޓުގައި ބައިވެރިވުމަކީ އެ އެއާލައިނަށް ލިބޭ ޝަރަފެއް ކަމަށެވެ.

"މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ ޕާޓްނަރެއްގެ ގޮތުގައި މިފަދަ އިންގިލާބީ ބަދަލު ގެނެވިދާނެ ކަންކަމުގައި ބައިވެރިވުމަކީ މަންޓާ އިން އަބަދުވެސް ގަބޫލުކުރާ ކަމެއް. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޓެޑް ޓޯކްގެ ޕާޓްނަރަކަށް ވެވުމަކީ ލިބުނު އުފަލެއް،" މަންޓާ އެއާގެ ސީއީއޯ ހަލީލް ވިދާޅުވި އެވެ.

ޓެޑެކްސް ބ. އަތޮޅު އިވެންޓަކީ ޓެޑް.ކޮމްގެ ލައިސެންސްގެ ދަށުން ބާއްވާ އިވެންޓެކެވެ.

"މިފަދަ ޓެޑެކްސް ކޮންފަރެންސަކާއެކު ރާއްޖޭއިން ހޮވާލެވޭ ތަފާތު ހިޔާލުތަކާއި ތަޖުރިބާތައް ފާހަގަކުރެވިގެންދާނެ،" މި އިވެންޓް ބޭއްވުމަށް ލައިސެންސް ހޯދި އަޒްހޫރާ އަހްމަދު ބުންޏެވެ.

މި އިވެންޓުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ވާހަކަ ދައްކާނެ އެވެ. އޭގެ ތެރޭގައި ސޯނޫ ޝިވްދަސާނީ، ކަރިއްސާ ނިމާ، ޔަލާ ޝަމީމް، ހުސައިން ރާޝިދު (ސެންޑީ)، އައިޝަތު އަދްނާން، ބްރޫސް ބްރޮމްލީ، ޝާޒިޔާ ސައީދު (ސާޒު) އަދި އާކިބް ޖާހިރުގެ އިތުރުން މަލްސާ މާޒް ހިމެނެ އެވެ.

ޓެޑް ޓޯކްސްގެ މައި ކޮންފަރެންސް ބާއްވަނީ އަހަރަކު އެއް ފަހަރު އެމެރިކާގަ އެވެ. "ޓެޑްއެކްސް" އަކީ "ޓެޑް ޓޯކްސް"ގެ ދަށުން ލައިސެންސެއް ނަގައިގެން ދުނިޔޭގެ އެކި ގައުމުތަކުގައި އެ ގައުމެއް ނުވަތަ ސިޓީއެއްގެ އަމިއްލަ ބަޔަކު އިސް ނަގައިގެން އިންތިޒާމުކުރާ ކޮންފަރެންސެކެވެ.