މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ދައުލަތައް 4.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ދައުލަތުގެ ހަރަދުތައް ފަސް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ ހަރަދުތަކާއި އާމްދަނީ ހިނގާ ގޮތުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް 4.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި 3.9 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އަދަދެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީން 477 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތައް 824 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ ތެރެއިން މިއަހަރު ޖެނުވަރީ މަހު އަލަށް ނަގަން ފެށި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިމުއްދަތުގައި ރިސޯޓު ކުލީގެ ގޮތުގައި 107 މިލިއަން ރުފިޔާ ދައަލަތައް ވަނީ ލިބިފަ އެވެ. އަދި އެކި ޖޫރިމަނާތަކުން 26 މިލިއަން ރުފިޔާ ވަނީ ހޯދިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް އައިރު ފަސް ބިލިއަން ރުފިޔާ ދައުލަތު ވަނީ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ހަމައެކަނި ޕީއެސްއައިޕީ މަޝްރޫއު ހިންގުމަށްވެސް 803 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.