"ފުޑް އެންޑް ބެވަރޭޖް ޝޯ"ގެ ފަސް ވަނަ އެޑިޝަނުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ހައި ރައިޒުން ބާއްވަމުން އަންނަ މިޝޯ މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

އަންނަ ޖޫން ދެ ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިޝޯގައި ރިސޯޓްތަކާއި ހޮޓާތަކާއި ލިވަބޯޑްތަކާއި ރެސްޓޯރެންޓްތަކާއި ހޯލްސޭލަރުންނާއި ކަލިނަރީ އެކްސްޕާޓުން ވެސް އެ ޝޯގައި ބައިވެރިވާނެ އެވެ. އަދި ފުޑް އެންޑް ބެވަރޭޖްގެ ދާއިރާގައި ހުރި އާ ޕްރޮޑްކަޓުތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު އެ ޝޯގެ ތެރެއިން ލިބޭނެ އެވެ.

ދިރާގުން ބުނީ ޑިޖިޓަލް ގޮތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް އެ ޝޯގައި ދޭނެ ކަމަށެވެ. އެ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގޭގައި ތިބެގެން ކާބޯތަކެތި އުފައްދާ މީހުންނަށް ކުރިމަގުގައި ވެސް އެހީވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯއަށް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޒިޔާރަތްކުރާނެ އެވެ.