ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ ބޭއްވަން ނިންމައިފި އެވެ.

ދިރާގުން ބުނީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 8:15 ގައި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ "ހައިބްރިޑް" ކޮށް ކަމަށެވެ. މިއާއެކު ޖަލްސާގައި ހިއްސާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 12ގެ ކުރިން ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން އަދި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ބޭފުޅުންގެ އަދަދު ވަނީ ލިމިޓްކޮށްފަ އެވެ. އަދި ޖަލްސާކުރާ މާލަމަށް ދާން ބޭނުންވާ ހިއްސާދާރުން، އެކަމަށް ރަޖިސްޓްރީކުރައްވާ އިރު، ވެކްސިން ކާޑު ހުށަހަޅަން ޖެހޭނެ އެވެ.

ދިރާގުން ބުނީ، ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް ބައިވެރިވާން ޖެހޭ ގޮތް މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށެވެ.