ވެލާނާ އިންޓަނޭޝަން އެއަރޕޯޓްގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް އިއްޔެ ގާއިމުކޮށްފި އެވެ.

މި ހެލްޕް ޑެސްކް އިފްތިހާހުކޮށްދިނީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އާޕޯޓުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުހައްމަދު ޝިޔާމް އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ޑެސްކް ގާއިމްކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، އެ މިނިސްޓްރީން ހަދާފައިވާ ގައިޑްލައިންތަކުގެ މަޢުލޫމާތު ޓޫރިސްޓުންނަށް ފޯރުކޮށްދިނުމާއި، ސިއްހީ ޚިދުމަތްދޭ އިދާރާތަކާއި، ޓޫރިސްޓުނާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިޒޯޓް، ހޮޓާ، ގެސްޓްހައުސް، ސަފާރީ އުޅަނދު އަދި ޓްރެވެލް އޭޖެންޓުންނާ ފަތުރުވެރިންނާ ދެމެދު ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އެއާޕޯޓުގައި އަލަށް ހެދި ޓޫރިސްޓު އިންފޮމޭޝަން ކައުންޓަރު. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މީގެ އިތުރުން އިމިގްރޭޝަން، ކަސްޓަމްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މި ނޫންވެސް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ޓޫރިސްޓުންނާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއާލައިންތަކާއި ޓޫރިސްޓް ޕޮލިހާއި، ޓޫރިސްޓުންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަދި މި ނޫންވެސް ޓޫރިސްޓުންނަށް އެއާޕޯޓުގައި ދިމާވެދާނެ ދަތިތަކަށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ހެލްޕް ޑެސްކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން އެމްއޭސީއެލްގައި ޙަރަކާތްތެރިވާ އެހެނިހެން ކަމާބެހޭ ފަރާތްތަކުން ބައިވެރިވި އެވެ.

އަލަށް ހުޅުވި ހެލްޕް ޑެސްކް ހުންނަނީ އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލް ހޯލުގެ ކުރިމަތީގަ އެވެ.