ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އިންޑިއާ މާކެޓުގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް އެ ގައުމުގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ފެއާ (އޯޓީއެމް މުމްބާއީ)ގައި، ކަންޓްރީ ޕާޓްނަރުގެ ގޮތުގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ އެވެ.

މި ފެއާ ކުރިއަށް ދާނީ މިމަހުގެ 14 އިން 16ގެ ނިޔަލަށް މުމްބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގަ އެވެ.

އޯޓީއެމްއަކީ އިންޑިއާގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ހަރަކާތެވެ. މިއީ އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ ފެންވަަރުގެ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

މި ހަރަކާތުގެ ޒަރިއްޔާއިން އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ޓޫރިޒަމްގެ އެކި ޚިދުމަތްތަކުން އެއްތަނަކުން ބައްދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

މި އަހަރުގެ އޯޓީއެމް ހަރަކާތުގައި 55 ގައުމަކުން 1،100 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ އެވެ.

މިއަހަރުގެ އޯޓީއެމްގެ ތިން ދުވަހުގެ ތެރޭގައި މި ހަރަކާތްތަކަށް 30،000 ވުރެ ގިނަ ވިޔަފާރިވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެ އެވެ.

އޯޓީއެމްގެ ތެރެއިން ޕެންޑަމިކްގެ ރިކަވަރީގައި އިންޑިއާގެ އައުޓްބައުންޑް މާކެޓް ކުޅޭ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި އިންޑަސްޓްރީގެ ފަރާތްތަކާއެކު އެމްއެމްޕީއާރުސީގެ ސީއީއޯ ތޮއްޔިބު މުހައްމަދު ބައިވެރިވެ ވާހަކަ ދައްކަވާފަ އެވެ.

އިންޑިއާ މާކެޓުގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ބާއްވާ އޯޓީއެމް މުމްބާއީގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

އޯޓީއެމްގެ ތެރެއިން އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ، ވަން އަބަވް އެޖެންސީން ވަނީ އެމްއެމްޕީއާރުސީން އިންޑިއާ މާކެޓުގައި ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން "ފްރެންޑް އޮފް އިންޑިއަން އައުޓްބައުންޑް ޓްރެވަލް ފްރެޓާނިޓީ"ގެ ނަމުގައި ޚާއްސަ އެވޯޑެއް ދީފަ އެެވެ.

މީގެ އިތުރުން އޯޓީއެމްގެ ތެރެއިން ރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމްކޮށްގެން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމުގެ އެމްއެމްޕީއާރުސީގެ ސީއީއޯ ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޯޓީއެމްގެ ތެރެއިން ރާއްޖެއަށް ލިބޭ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން ފެއާގެ ތިން ދުވަހު އެމްއެމްޕީއާރުސީއިން ބައިވެރިވާނީ ޕާޓްނާ ކަންޓްރީގެ ގޮތުގަ އެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އޮންލައިން އަދި އޮފްލައިންކޮށް މަންޒިލް އިތުރަށް އިޝްތިހާރުކުރުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.

ރާއްޖެއަކީ އިންޑިއާ ޓޫރިސްޓުންގެ މެދުގައި މަޤްބޫލު މަންޒިލެއްގެ ގޮތުގައި އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތަކާއި، ސެގްމަންޓުތައް އަދި ލިބޭ ތަފާތު ތަޖުރިބާތައް ފެއާގެ ތަފާތު ލޮކޭޝަންތަކުގައި ވެސް އިޝްތިހާރުކުރެވޭނެ އެވެ.

މީގެ އިތުރުން ރާއްޖެއިން މި ފެއާގައި ބައިވެރިވާކަން އޯގަނައިޒަރުން ވަނީ އެ ފަރާތުގެ ޑާޓާބޭސްގައި ހިމެނޭ 50،000 އެޖެންޓުންނަށް ޕްރެސް ރިލީސް އަދި އީމެއިލްތަކުގެ ޒަރިއްޔާއިން ހިއްސާކޮށްފަ އެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރަމުން ދަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 18 ފަރާތަކާ އެކު އެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ އިންޑިއާގެ ޓޫރިސްޓުން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ.