ރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ރެޑް ލިސްޓްކޮށް، އެ ބާވަތުގެ ކަންނެލި އެމެރިކާގެ ސީފުޑް ވޮޗްއިން ރެޑް ލިސްޓްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމެރިކާގެ މޮންޓެރޭ ބޭ އަކުއޭރިއަމްގެ ސީފުޑް ވޮޗްއިން ވަނީ ރާއްޖެ ވެސް ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ރެޑް ލިސްޓްކޮށް، އެ ގަތުން ހުއްޓުވާފައިވާ ކަމަށެވެ. އެއީ އިންޑިޔާ ކަނޑުގެ ރީދޫއުރަހަ ކަންނެލީގެ ސްޓޮކަށް ގެއްލުން ލިބިފައިވާތީ އަދި ސްޓޮކު އާލާކުރުމަށް އައިއޯޓީސީ މެދުވެރިކޮށް ފިޔަވަޅު ނޭޅޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކަށް ގެއްލުން ލިބިފައިވާތީ އަދި ސްޓޮކު އާލާކުރުމަށް އައިއޯތީސީ މެދުވެރިކޮށް ފިޔަވަޅު ނޭޅޭތީ، އެމެރިކާގެ މޮންޓެރީ ބޭ އަކުއޭރިއަމްގެ ސީފުޑް ވޮޗް އިން ވަނީ ރާއްޖެ ވެސް ހިމޭ ގޮތަށް އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ރެޑްލިސްޓްކޮށް އެ ގަތުން ހުއްޓުވާފައި،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރެޑްލިސްޓްކުރި އެމެރިކާގެ ސީފުޑް ވޮޗްއަކީ މޮންޓެރީ ބޭ އަކުއޭރިއަމް އާ ގުޅިގެން ތިމާވެއްޓާ ކަންޑުގެ ދިރުން ހިމާޔަތްކޮށް ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ.

މި ފިޔަވަޅު އެޅީ އިންޑިއާ ކަނޑުން މަސްވެރިކަންކުރާ 32 ގައުމުގެ ތެރެއިން ބައެއް ގައުމުތަކުން ސްޓޮކް އިތުރު ކުރުމަށާއި މަސްވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް އެއްބާރުލުން ނުދޭތީ ކަމަށް ބުނެ އެވެ. މީގެ ތެރެއިން ގިނަ ގައުމުތަކަކީ ދާ އަޅައިގެން މަސްވެރިކަން ކުރާ ގައުމުތަކެވެ. އެގޮތުން އިންޑިއާ ކަނޑުން ބާނައިގެން އެ ގައުމަށް އެކްސްޕޯޓްކުރާ ހުރިހާ މަހަކީ މިގޮތަށް ބާނާ މަސްކަމަށް ސިފަކުރެ އެވެ.

އައިއޯޓީސީގައި ހިމެނޭ ގައުމުތަކާއެކު މަޝްވަރާކޮށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް އެއްބަސް ނުވެއްޖެ ނަމަ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެ އެވެ.

ފިޝަރީޒް މިނިސްޓަރު މިހާރު އެމެރިކާއަށް ކުރައްވަމުންގެންދާވާ ދަތުރުފުޅުގެ ތެރެއިން، ސްޓޮކް ދަށްވެފައިވާ މަސްވެރިކަން ފުޅާކުރާނަމަ، އިންޑިއާ ކަނޑުން ބާނާ މަސް ނުގަތުމަށް އެހެނިހެން ގައުމުތަކުގެ ބޮޑެތި ކުންފުނިތަކަށް ބާރު އެޅުމަށް ތިމާވެށިގެ ޖަމިއްޔާތަކުން މަސައްކަތް ކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ދެކެ އެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިޔުމާއި މިކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބުނެ ރީނދޫ އުރަހަ ކަންނެލި ބޮއިކޮޓު ކުރުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިދިޔަ އަހަރު ވަނީ ގޮވާލާފަ އެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބުމަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސް އެގައުމުތަކަށް އެކްސްޕޯޓް ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޑރ. ހުސެއިން އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިމަހުގެ 13 އިން 15 އަށް އެ ގައުމުގައި ބޭއްވި ސީފުޓް އެކްސްޕޯގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ.