ޖަމިއްޔާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބީއެމްއެލް ސްމޯލް ގްރާންޓްސް" ފަންޑް އިފްތިހާހުކޮށްފި އެެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނިގޮތުގައި މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބީއެމްއެލް އިން ބުނީ ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލާފައި ވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށެވެ. މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ދޭން ނިންމާފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފަސްވަނަ ހަރަކާތެއްގެ ގޮތުގައި ތައާރަފްކުރަނީ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓް ކަމަށެވެ.

"މި ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްރޮޖެކްޓް ތަކަށް އެހީތެރިކަން ލިބިގެންދާނެ. މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ.

މި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހެވެ. މި ހިލޭ އެހީއަށް އެދި ހުށަހެޅޭނީ ޑިސެންބަރު 31 2021ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށެވެ.

40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:

  • ފެބްރުވަރީ -ހައުސިން ގްރާންޓް
  • ޖެނުއަރީ - ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް
  • ޑިސެންބަރު - ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
  • ނޮވެންބަރު - ބީއެމްއެލް ސްކޮލާޝިޕް ފަންޑު

ސްމޯލް ގްރާންޓްސް އަށް އެދި ހުށަހަޅާ ފޯމު، އަދި ޝަރުތުތަކާ އަދި އިތުރު މައުލޫމާތު https://www.bankofmaldives.com.mv/bml-small-grants އިން ލިބޭނެ އެވެ.