ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ހަތަރު ފަރާތަކަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭ އިން މިއަދު ދީފި އެވ

އެ ލައިސަންސް އެމްއެމްއޭއިން ދިނީ ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް އާއި ޕޭޔާ ޕްރައިވެޓް ލިމިޓެޑް އަދި ފަހި ޕޭ އަށެވެ. މި ހަތަރު ކުންފުނިން ވެސް ދޭނީ ތަފާތު ހިދުމަތެވެ.

މިގޮތުން އެ ފަރާތްތަކަށް ލައިސަންސް ދޫކޮށްފައި ވަނީ މި ޕޭމަންޓް ޚިދުމަތްތައް ދިނުމަށް.

  1. ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔާކުރުމުގެ ޚިދުމަތް ދިނުމަށް
  2. ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔާކުރުމުގެ ޚިދުމަތް ދިނުމަށް
  3. ޕޭޔަރ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް
  4. ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް

އެމްއެމްއޭ އިން ބުނީ އެ ލައިސަންސްގެ ދަށުން ވީޓީޓީ ފައިނޭންސްއިން އަދި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސްއިން ދޭން ނިންމާފައިވާ ޕޭމަންޓް މުއާމަލާތްތައް އެކުއަޔާކުރުމުގެ ޚިދުމަތަކީ މީގެ ކުރިން މި އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ދެމުން އަންނަ ޚިދުމަތެއް ކަމަށެވެ. އަދި އަލަށް ދޫކުރި ލައިސަންސްތަކުގެ ސަބަބުން ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދެވޭނެ މަގުފަހިވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޕޭޔާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަލީ ހާރިސް "ހުރިހާ"އަށް ވިދާޅުވީ އަލަށް ލިބުނު ލައިސަންސްއާއެކު ކުރިން ނުދެވޭ ގިނަ ހިދުމަތްތަކެއް ދެވޭނެ ކަމަށެވެ. މިގޮތުން ކިއުއާރު ކޯޑު މެދުވެރިކޮށް ތަންތަނަށް ފައިސާ ދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ލަައިސަންސް ނެތުމުން މީގެ ކުރިން ފެނާއި ކަރަންޓުގެ ބިލްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް އޮތީ ހަމަނުޖެހި. ނަމަވެސް މި ހުއްދައާއެކު އަޅުގަނޑުމެންނަށް ހިދުމަތް ދިނުމަށް ދިނުމަށް ވެސް މަގުފަހިވެގެންދާނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ހިދުމަތްތައް ތައާރަފުކުރަން ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން މިހާތަނަށް އެމްއެމްއޭއިން ވަނީ ހަ ކުންފުންޏަކަށް ޕޭމަންޓް ހިދުމަތް ދޭން ލައިސަންސް ދޫކޮށްފަ އެވެ. މީގެ ކުރިން އެ އިދާރާއިން ލައިސަންސް ދިނީ އުރީދު އާއި ދިރާގަށެވެ.

މި ގާނޫނުގެ ދަށުން ދިރާގަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތަށް ބޭނުންވާ ލައިސަންސެވެ. އުރީދޫއަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދޭން ބޭނުންވާ ލައިސަންސެވެ.