އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި އިވެންޓްގައި ބައިވެރިވެވޭނީ އުރީދޫގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫން ބާއްވާ މަސް ބޭނުމުގެ މުބާރާތެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނިގޮތުގައި މަސްބޭނުމުގެ މި މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބި، ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފަ އެވެ. އަދި ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަކަށްވެފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ. މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

"ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މަސްރޭސްގެ އެގާރަ ވަނަ ސީޒަން އަޅުގަނޑުމެން މި އިއުލާން ކުރީ ނުހަނު އުފަލާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި. މަސްރޭސް މިވަނީ ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނާއެކު ރަމަޟާން މަހުގެ ތެރޭގައި ގުޅުންބަދަހިކޮށް ރަގަޅު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ކުރެވިދާނެ ކަމަކަށްވެފައި،" އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ މަސްރޭހުގައި ބައިވެރިވުމަށް އަބަދުވެސް އެ ކުންފުންޏަށް ރިކުއެސްޓް ލިބޭ ކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބޭއްވޭކަމީ އެ ކުންފުނިން ވަރަށް އުފާކުރާކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިކަމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް، އެހެންކަމުން ހުރިހާ ޒުވާނުންވެސް މިސަގާފަތް ދިރުވާ، އާލާކޮށް ދެމެހެއްޓުމަށް މަސްރޭހުގެ މިފޯރީގައި ބައިވެރިވާނެ ކަމަށް އުންމީދުކުރަން،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުތަކާ އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށް ވެސް، އުރީދޫއާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފަ އެވެ.

މުޅި މުބާރާތުން ހޮވާވަނަތަކާއި ލިބޭ އިނާމުތައް:

  1. އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ
  2. އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5،000 ރުފިޔާ އާއި ރަންކޯރި
  3. އެންމެ ބަރުމަސް ބޭނި ފަރާތަށް 5،000 ރުފިޔާ

އެ ކުންފުނިން ބުނިގޮތުގައި އުރީދޫ މަސްރޭސް ،ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މޭ 1 ގަ އެވެ.

މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު ދެ އެވެ.

ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުން ވެސް ޓީމްތައް އުފައްދައިގެން މަސްރޭހުގެ މިފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ދައުވަތު ދެ އެވެ.

މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 23ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަ ވެވޭނެ އެވެ.

ރެޖިސްޓަވުމަށް: https://www.ooredoo.mv/masrace