ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މާލޭގެ ސުވިމިން ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ހިންގައިފި އެވެ.

އެ ބޭންކުން ބުނިގޮތުގައި މި ހަރަކާތަކީ ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން، އަންނަ އާދީއްތަ ދުވަހު ދުނިޔޭގައި ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ. މިއީ ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް، ޑައިވް ޑެސްކް އަދި ޕާލޭއާ ގުޅިގެން ހިންގި ހަރަކާތެކެވެ.

ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކުން މީގެ ތިން އަހަރު ކުރިން ވެސް ސްވިމިން ޓްރެކް ސާފްކުރި ކަމަށެވެ. އަދި އޭރާ އަޅާބަލާއިރު މިހާރު ސްވިމިން ޓްރެކް ސަރަހައްދު ސާފުކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މުވައްޒަފުން މާލޭގެ ޓްރެކް ސަރަހައްދު މިއަދު ހެނދުނު ސާފުކުރަނީ. ފޮޓޯ: ބީއެމްއެލް

" އެހެންނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ދަޅާއި ޕްލާސްޓިކް ފުޅި މޫދަށް އަޅާފައި ހުންނަތަން މި ފެންނަނީ. އަޅުގަނޑުމެންގެ އެދުމަކީ އެންމެހާ ބޭފުޅުންވެސް މިތާނގައި ހުންނަ ޑަސްބިން ބޭނުންކުރެއްވުން. އަދި މޫދަށް ކުނި ނޭޅުން،" ސައީދު ވިދާޅުވި އެވެ.

"ހުޅުމާލެ ފޭސް 2 ގެ ސަރަހައްދަށް ބަލާއިރު ވެސް އަތިރިމައްޗާއި ގޮނޑުދޮށުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. ހުޅުމާލޭގެ ބީޗް ސަރަހައްދުގެ އެއްބައި މިއަދު ސާފުުކުރެވުނު އިރު 500 ކިލޯގެ ކުނި ނެގެނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު."

މި ދެސަރަހައްދުން 755 ކިލޯގެ ކުނި ނަގާފައިވެ އެވެ. މީގެ ތެރެއިން 84 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ފާލޭއާ ހަވާލުކޮށްފަ އެވެ.

އެ ބޭންކުން ބުނިގޮތުގައި މި ހަރަކާތުގައި ބީއެމްއެލްގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. މިދިޔަ އަހަރު ވެސް އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ މިދުވަހާ ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގާފައިވެ އެވެ.