ރޯދަ މަހަށް އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި ވިއްކާނެ އަގުތައް ހާމަކޮށްފި އެވެ.

ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވަނީ ރޯދަ މަސް ނިމެންދެން އެ ކުންފުނީގެ ސުޕަމާޓުން ފިޔާ، ބިސް އަދި އަލުވި ވިއްކާނެ އަގުތައް އިއުލާނު ކޮށްފަ އެވެ.

އެސްޓީއޯއިން ބަސްތާ އާއި ކިލޯ ވިއްކާ އަގުތައް:

  • ބިސް (ކޭހެއް 300ރ އަށް، ބިހެއް 1.75ރ އަށް)
  • ފިޔާ (ބަސްތާއެއް 300ރ އަށް، ކިލޯއެއް 14ރ އަށް)
  • އަލުވި (ބަސްތާއެއް 280ރ އަށް، ކިލޯއެއް 13ރ އަށް)
އަލުވި، ފިޔާ އަދި ބިސް ވިއްކާ އަގުތައް

މީގެ އިތުރުން، ބިހާއި، ފިޔަ އާއި އަލުވި ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެސްޓީއޯއިން އަގުތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން 10 ބަސްތާއަށް ވުރެ ގިނައިން ފިޔައާއި އަލުވި ގަންނަ ނަމަ އަލުވި ބަސްތާއެއް ވިއްކާނީ 270ރ އަށް ކަމަށާއި، ފިޔާ ބަސްތާއެއް ވިއްކާނީ 290ރ އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކޭހަކަށް ވުރެ ގިނައިން ބިސް ކޭސް ގަންނަ ނަމަ، ކޭހެއް ވިއްކާނީ 290ރ. އަށް ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ރޯދައަށް ހާއްސަކޮށްގެން ގެންނަ ބާވަތްތައް ދުރާލާ ގެންނަން ފަށާފައިވާތީ އާންމުންނަށް ބޭނުންވާ މުދާ ލިބޭނެ އެވެ.

އާއްމުކޮށް ކޮންމެ އަހަރެއްގެ ރޯދަ މަހު ބާޒާރުގައި އާއްމުކޮށް އަގު އުފުލޭ ބާވަތްތައް އެސްޓީއޯއިން އަމިއްލައަށް އެތެރެކޮށް، އަގުތައް ހެޔޮކޮށް އާއްމުންނަށް ވިއްކަމުން ގެންދެ އެވެ. އެއާއެކު އަމިއްލައަށް އެ ތަކެތި އެތެރެކޮށް ވިއްކާ ބާޒާރުގައި ވިއްކާ ފަރާތްތަކަށް އަގުތައް ތިރިކުރަން މަޖުބޫރުވެ އެވެ.