މިމަހުގެ 1ން ފެށިގެން އިއްޔެގެ ނިޔަލަށް 10،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 997 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު އައިސްފައި ވަނީ 694 ޓޫރިސްޓުންނެވެ.

އެ މިނިސްޓްރީން ބުނީ ޖުލައި 15ން ފެށިގެން އިއްޔެގެ ނިޔަލަށް 51،354 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ ރަޝިއާގެ ޓޫރިސްޓުންނެވެ. އެ ގައުމުން އެކަނި 11،240 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 4،468 ޓޫރިސްޓުން އައިއިރު، ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އެމެރިކާއިންނެވެ. އެ ގައުމުން 3،927 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު އަލުން ހުޅުވިފަހުން އެންމެ ގިނަ ޓޫރިސްޓުން އުފުލާފައި ވަނީ އެމިރޭޓްސް އެއާލައިނުންނެވެ. އެ އެއާލައިނުން ވަނީ ޖުލައި 15ން ފެށިގެން މިހާތަނަށް 16،260 ޓޫރިސްޓުން އުފުލައިފަ އެވެ.