ރާއްޖޭގެ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން މާލެ ގެނައި އެމްބިއުލާންސްތަކުގެ ހަތަރުވަނަ ބެޗު ގެނެސްފި އެވެ.

އެސްޓީއޯއިން ބުނީ، މާލެ ގެންނަން ޖެހޭ އެމްބިއުލާންގެ ހަތަރުވަނަ ބެޗް މިހާރު މާލެއަށް ގެނެވިފައިވާ ކަމަށެވެ. އަދި އެކުންފުނިން މަސައްކަތް ކުރަނީ ހުރިހާ އެމްބިއުލާންސެއް ވެސް އަވަހަށް، އެމްބިއުލާންސް ބޭނުންޖެހިފައިވާ ރަށްތަކަށް ފޯރުކޮށްދީ، އަތޮޅު ތެރޭގެ ސިއްހި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އެމްބިއުލާންސް ބޭނުންވާ 41 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން މިދިޔަ މަހުގެ އަށްވަނަ ދުވަހު 15 އެމްބިއުލާންސެއް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާއިރު، މިމަހު އެމްބިއުލާންސް ފޮނުވާފައިވަނީ އެހިދުމަތް ނުފޯރުކޮށްދެވި ހުރި ރަށްތަކަށް ޒަމާނީ އެމްބިއުލާންސްތައް މާޗް މަހު ފޮނުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖެއަށް އެމްބިއުލާންސް ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން، އެސްޓީއޯއާ ފަހުމުނާމާއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގަ އެވެ.

އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތަކަށްވާއިރު، ބަލި މީހުން ބަރޯއާއި ގާޑިޔަލުގައި އުފުލާ މަންޒަރުތައް އާންމުވެ، ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.