ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް "މޮމްސް" އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމްއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި އެހީތެރިކަމާއެކު މޮމްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި 100 އާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވޭނެ އެވެ. އަދި ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަރަށް ދީލަތި އެހީއެއް ލިބިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"ބީއެމްއެލްގެ މުވައްޒަފުން ދިން ދީލަތި އެހީއަށްޓަކައި އެންމެހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. މި އެހީއާއެކު އާއިލާތަކާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ،" މަމްސް އިން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަސާސީ ބޭނުންތައް ފުއްދަން ދަތި 100 އާއިލާއަކަށް ބީއެމްއެލްގެ މުވައްޒަފުން ހަދިޔާ ކުރާ ކާބޯތަކެތި "މަމްސް"އާ ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން 2021 ވަނަ އަހަރު އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު ވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަސާސީ ބޭނުންތައް ފުއްދަން ދަތި 100 އާއިލާއަކަށް ބީއެމްއެލްގެ މުވައްޒަފުން ހަދިޔާ ކުރާ ކާބޯތަކެތި. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއަކީ ވިޔަފާރީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކަންކަމަށް ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ވެސް ފޯރުކޮށްދޭ ބޭންކެވެ.