"ބީއެމްއެލް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ށ. ޅައިމަގުގައި ކޮމިއުނިޓީ ބީޗް ސަރަހައްދެއް ގާއިމްކޮށްފި އެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްްއެލްއިން ހިންގާ މި ކޮމިއުނިޓީ ބީޗްގައި ވަނީ ދަތުރުގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސައި، ހަޓާއެކު ބެންޗު ބަހައްޓައި އަދި ޕިކްނިކް މޭޒާއި ޖޯލިވެސް ބަހައްޓާފައި ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ސަރަހައްދުގައި ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށް ،ރޭގަނޑު ވެސް މިތަން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ޅައިމަގުގައި ހެދި ހިތްގައިމު ކޮމިއުނިޓީ ބީޗް ސަރަހައްދު. ފޮޓޯ: ބީއެމްއެލް

އެ ބޭންކުން މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.