ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެެލް) އިން ނެގި ލޯނު ނުދައްކައިގެން ވިއްކާލަން ނިންމި ތ. ފުނައްޑޫގެ މަސް ގަނެ ރައްކާކުރާ ފެކްޓްރީ މަސްގަނެ ރައްކާކުރަން މިފްކޯ އިން ހަވާލުވާން ނިންމައިފި އެވެ.

ފުނައްޑޫގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށްވެ އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "ހުރިހާ"އަށް މިއަދު ވިދާޅުވެފައި ވަނީ އެރަށް ތަރައްގީކުރަން ނެގި ލޯނުން ނުދެއްކި ބާކީ އޮތް އަދަދު ސަރުކާރުން މިހާރު ބޭންކަށް ދެއްކުމަށް ފަހު، އެތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓެކްނިކަލް ކަންތައްތައް އެބަހުރި ކުރަންޖެހޭ، 1،500 ޓަނުގެ ކޯލްޑު ސްޓޯރޭޖް ވެސް އެބަ ޖެހޭ މަރާމާތުކުރަން. މަސް ގަތުމަށް ވެސް ފްރީޒަ އެބަ ޖެހޭ މަރާމާތު ކުރަން. ބަނދަރު ވެސް ހަލާކުވެފައި އޮތީ. މިހާރު ޓީމެއް އެ ރަށުގައި އެބަ ހަރަކާތްތެރިވޭ،" އިސްމާއިލް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ފައިސާގެ ތާށި ކަމެއް ކުރިމަތި ނުވާނަމަ އެއް މަސް ދުވަސް ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުން ތ. އަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ އެތަނުގެ ބަނދަރު. ބަނދަރު ތިލަވެ، ތޮށިގަނޑު ވެސް ހަލާކުވެފައި އޮތީ. އަދި ރަށް އޮންނަ ގޮތުން ބަނދަރުގެ ތެރޭގައި އޮއިގަދަވުމުގެ މައްސަލަ ވެސް އެބައުޅޭ،" އިސްމާއިލް ވިދާޅުވި އެވެ،

އޭނާ ވިދާޅުވީ އެތަން އަލުން އޮޕަރޭޝަނަށް ގެނައުމަށް ހިނގާނެ ހަރަދުތައް ބަލަމުން އަންނަ ކަމަށެވެ.

ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން 2004 ވަނަ އަހަރު ތަރައްގީކުރަން ފެށި ރަށެކެވެ.

ފުނައްޑޫ ތަރައްގީކުރަން ނެގި 117 މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް ފެބްރުއަރީ 7، 2010ގައި ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވެ އެވެ. އަދި އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ގޮނޑި ގެއްލިފައިވެ އެވެ. ނާޝިޒް އޭރު ހުންނެވީ ރ. އަލިފުށީ ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ.

އެ ލޯނު ނުދެއްކުމުން ބީއެމްއެލް އިން އެ ރަށް ވިއްކާލަން އެކި ފަހަރުމަތިން އިއުލާންކުރި އެވެ. ނަމަވެސް އެ ރަށް އެއްވެސް ބަޔަކު ގަތް ކަމެއް އެނގިފައެއް ނުވެ އެވެ.