ރާއްޖޭގައި ވެސް މިހާރު ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ފެން ބޭނުންކުރާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. އޭގެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ޕްލާސްޓިކް ފުޅީ ބަންދުކުރާ ފެނަކީ ގިނައިރު އަވީގައި ބެހެއްޓުމުގެ ސަބަބުން ބޯން ކަމުދާ ފެނަކަށް ނުވެ އެވެ. އަދި ޕްލާސްޓިކަކީ ތިމާވެއްޓަށް ގެއްލުންދޭ ބާވަތަކަށް ވުމުން ގިނަ ބަޔަކު މިހާރު އަންނަނީ ޕްލާސްޓިކް ފުޅިއަށް ނޫނެކޭ ބުނަމުންނެވެ.

ޕްލާސްޓިކް ފުޅީގައި ފެން ބުއިމުގެ ސަބަބުން ސިއްހަތަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ވެސް ދައްކާފައިވެ އެވެ.

މި ދިރާސާއިން ވަނީ ޕްލާސްޓިކް ފެންފުޅި އުފެއްދުމަށް، ބީޕީއޭ ނަމަކަށް ކިޔާ ކެމިކަލެއް ބޭނުންކުރާ ކަމަށާއި އަދި އެއީ ހަށިގަނޑުގެ ހޯމޯންސްތަކުގެ ހެދިބޮޑުވުމަށް ހުރަސްއަޅާ މާއްދާއެއް ކަމަށް ވަނީ ދައްކާފަ އެވެ.

ދުނިޔޭގެ ފެނުގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ފެނަކީ އެއާ ނުލައި ނޫޅެވޭ އެއްޗެކެވެ. އެކަމަކު ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ސާފު ފެން ނުލިބުމުގެ މައްސަލައަކީ އަދިވެސް ވަރަށް ބޮޑު މައްސަލައެކެވެ. އޭގެ ސަބަބުން އެކި ބަލިތަކަށް މަގު ފަހިވެ އެވެ.

ރާއްޖޭގައި ފެން ފަށަލަ ތަޣައްޔަރުވުމުގެ ސަބަބުން ގިނަ ރަށްރަށުގެ ފެން ވަނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ. އެހެންވެ ރާއްޖޭގައި އާބާދީގެ ބޮޑު ބަޔަކީ މިހާރު އަންނަނީ ޑިސެލިނޭޓެޑް ފެން ބޭނުންކުރަމުންނެވެ.

ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ފެނަކީ ރައްކާތެރި ބޯފެނެއް ނޫން ކަމަށް ދިރާސާތަކުން ދައްކާ. އެކަމަށް އޮތް ހައްލަކީ ޕިއުރިފައިކޮށްފައިވާ ފެން.

ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެނަށްވުމަކީ މުހިންމު ކަމަކަށް ވުމުން ގިނަ ބަޔަކު ބޭނުން ކުރަމުން ދަނީ ފުޅީގަ ބަންދު ކުރެވިފައި ހުންނަ ފެނެވެ. އެކަމަކު ފުޅިއަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމާއި، ހުސް ފުޅިން ތިމާވެއްޓަށް ލިބޭ ގެއްލުމަކީ ވެސް ވަރަށް ބޮޑެތި މައްސަލަ އެކެވެ. މިކަމަށްޓަކައި ގިނަ ބަޔަކު މިހާރު އަންނަނީ ގޭތެރޭގައި ބޭނުންކުރެވޭ ކުދި ފެން ފިލްޓަރުތައް ބޭނުން ކުރަމުންނެވެ. އޭގެ ސަބަބުން ކުޑަ ޚަރަދަކުން ވޯޓާ ސަޕްލައި ފެން މީރު ފެނަށް ހަދާލެވެ އެވެ. އަދި ޕްލާސްޓިކް ފުޅިން ރައްކާތެރިކަން ލިބެ އެވެ.

ފެން ފިލްޓަރުތައް ބޭނުންކުރަން ފެށުމުން ފެން ކޭސްތައް ކޮނޑަށް ލައިގެން އުފުލުން ވެސް ނިމުމަކަށް އައީ އެވެ. ހާއްސަކޮށް މާލެ ކަހަލަ އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ފެން ކޭސްތައް އުފުލުމަކީ ބޮޑު ތަކުލީފެކެވެ.

ފެން ފިލްޓަރުތައް އެތެރެކޮށް ވިއްކާ ތަޖުރިބާކާރެއް ކަމަށްވާ އަލީ ރިފާއު ވިދާޅުވިގޮތުގައި މިއަދު ގިނަ ބަޔަކަށް ފެން ފިލްޓަރާއި ބެހޭ މައުލޫމާތު ލިބި ގިނަ ބަޔަކު ދަނީ ފިލްޓަރު އަޅުވަމުންނެވެ.

"މިހާރު މީހުންނަށް ވިސްނެން ފަށައިފި ފިލްޓަރު ބޭނުންކުރަން ފެށުމުން ހަރަދު ކުޑަވެ، ފެން ކޭސްތައް އުފުލުމުގެ ބުރަކަން ނިމުމަކަށް އައުމުން ލިބޭ ފަސޭހަ. މިއީ މާލެ ކަހަލަ އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް ފަސޭހަ ނިޒާމެއް،" އޭނާ ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިހާރު ވަރަށް ގިނަ ބަޔަކު ފެން ފިލްޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.

"ހަގީގަތުގައި ވެސް ވަރަށް ގިނަ މީހުން ބޭނުންވޭ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނަށް ކުރާ ބޮޑު ހޭދަ ކުޑަކުރެވޭނެ ގޮތެއް ހޯދަން. އެކަމަށް އަޅުގަނޑުމެން މިގެންދަނީ ރެޓޯ ބްރޭންޑްގެ ފިލްޓަރު ބޭނުންކޮށްގެން ހައްލު ހޯދައިދެމުން،" އޭނާ ވިދާޅުވި އެވެ.

ފެނަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެހެންވެސް ބޭނުންވާނެ އެއްޗެކެވެ. ވަކިން ހާއްސަކޮށް މާބަނޑު އަންހެނުންނާއި ކުޑަދަރިފުޅުގެ ސިއްހަތަށް ރައްކާތެރިވުމުގެ ގޮތުން ގިނަ ގިނައިން ފެން ބޯން ޖެހެ އެވެ. އެހެން ނަމަވެސް ޕްލާސްޓިކް ފުޅީގައި ފެން ބުއިމަކީ މިކަމަށް އޮތް ގޯސް ގޮތެވެ.