ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި ހައުސިން ގްރާންޓަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ގެތައް އަޅާނީ ބީއެމްއެލްގެ ހައުސިން ގްރާންޓުގެ ދަށުންނެވެ. އެ އެހީގެ ދަށުން އަޅާ ގެތަކަށް ބޭނުންވާ ފަރުނީޗަރު ވެސް ބޭންކުން ދޭނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތައް ނޮމިނޭޓްކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. އަދި މި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް ފަރުނީޗަރު ހިމެނުމުގެ ހަރަދުތައް ބީއެމްއެލް އިން ހަމަޖައްސައިދޭނެ އެވެ.

ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ހައުސިން ގްރާންޓް ސްކީމް މެދުވެރިކޮށް ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މިފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނައުމުގައި އަޅުގަނޑުމެންނާއެކު ބައިވެރިވުން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.

ހައުސިން ގްރާންޓަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.