ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ތ. ކަނިމީދޫ ބީލަމަށް ހުޅުވާލުމުން މިހާތަނަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ކަނިމީދޫ ތަރައްގީކުރުމުގެ މަސައްކަތް އޮތް ހިސާބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކަނިމީދޫ ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން 8 އޭޕްރީލް 2021 ގައި ހުޅުވާލެވުނު ކަމަށެވެ. ނަމަވެސް 24 ޖޫން 2021 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ކަނިމީދޫގެ 10 ހެކްޓަރުގެ ބިމަށް އެއްވެސް ފަރާތަކުން ބިޑް ޕްރޮޕޯސަލްއެއް ހުށަހަޅާފައިނުވާ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި މި މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރިސޯޓެއް ތަރައްގީކުރުމަށް ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ ބީލަމަށް ލާން ޓޫރިޒަމް މިނިސްޓްރީން ނިންމައި، އެކަން އިއުލާންކުރީ 2019 ވަނަ އަހަރު އެވެ.

ކަނިމީދޫއަކީ މީގެކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްތަކަށް އަމިއްލަ ފަރާތަކަށް ދޫކުރި ރަށެކެވެ. ނަމަވެސް އެގްރިކަލްޗަ މިނިސްޓްރީގެ ދަށުގައި އޮތް ރަށް ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ތ. އަތޮޅު ކައުންސިލްގެ އިދާރާއާ ވަގުތީ ގޮތުން ބެލެހެއްޓުމަށް ހަވާލުކުރައްވާފަ އެވެ.

ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ 68 ހެކްޓަރުގެ ރަށެކެވެ.