ބަޖެޓްގެ ދަރަނި ފޫބައްދަން ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިހާރު ވިއްކަން ހުޅުވާލާފައި ވަނީީ 3.5 ޕަސެންޓް އިންޓަރެސްޓް ރޭޓެއްގައި ވިއްކަން ހުޅުވާލި 28 ދުވަހުން އަނބުރާ ދައްކަން ޖެހޭ 902 މިލިއަން ރުފިޔާގެ ޓީބިލަކާއި 3.87 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި ވިއްކަން ހުޅުވާލި 98 ދުވަހުން މުއްދަތު ހަމަވާ 200 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން ހިމެނެނީ 182 ދުވަހުން މުއްދަތު ހަމަވާ 4.23 ޕަސެންޓް އިންޓަރެސްޓް ރޭޓެއްގައި ވިއްކާ 190 މިލިއަން ރުފިޔާގެ ޓީބިލެއް އަދި 364 ދުވަހުން މުއްދަތު ހަމަވާ 4.60 ޕަސެންޓް އިންޓަރެސްޓް ރޭޓެއްގައި ވިއްކާ 785 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

ޓީ ބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުންނެވެ.

ސަރުކާރުން ވަނީ މިއަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އެ ބަޖެޓަކީ ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށް ވުރެ 9.7 ބިލިއަން ރުފިޔާގެ ދަރަނި ބޮޑު ބަޖެޓެކެވެ.

ސަރުކާރުން ބަޖެޓް ދަރަނި ފޫބައްދާނީ ކުރުމުއްދަތު ޓީ ބިލާއި ޓީ ބޮންޑު އަދި ލޯނުންނެވެ.