އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ސުންގަޑި މިރޭ ހަމަވާނެ އެވެ.

މި އިވެންޓްގައި ބައިވެރިވުމަށް އުރީދޫގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެ އެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެ ކުންފުނިން ބާއްވާ މަސް ބޭނުމުގެ މުބާރާތެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނިގޮތުގައި މަސްބޭނުމުގެ މި މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބި، ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފަ އެވެ. އަދި ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަކަށްވެފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ. މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

އުރީދޫން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުތަކާ އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށް ވެސް، އުރީދޫއާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފަ އެވެ.

މުޅި މުބާރާތުން ހޮވާވަނަތަކާއި ލިބޭ އިނާމުތައް:

  • އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ
  • އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5،000 ރުފިޔާ އާއި ރަންކޯރި
  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5،000 ރުފިޔާ

އެ ކުންފުނިން ބުނިގޮތުގައި އުރީދޫ މަސްރޭސް ،ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މޭ 1 ގަ އެވެ.

މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު ދެ އެވެ.

ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުން ވެސް ޓީމްތައް އުފައްދައިގެން މަސްރޭހުގެ މިފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ދައުވަތު ދެ އެވެ.

އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް ރެޖިސްޓަވުމަށް: https://www.ooredoo.mv/masrace އިން ފިތާލާށެވެ.