ހުޅުމާލޭގައި އެމްޕީއެލްގެ ކޮންޓެއިނަރުތައް ބަހައްޓަން އިތުރު ޖާގަ އެޗްޑީސީން ހަމަޖައްސައިދީފި އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި އެ ކުންފުނިން ވަނީ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ކޮންޓެއިނަސް ޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު އިއްޔެ ސޮއިކޮށްފަ އެވެ.

"މި އެއްބަސްވުމުގެ ދަށުން، މި ކުންފުނީގެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓާއި އިންވެގެން އޮންނަ ބިން ލިބި، މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ސަރަހައްދުގައި ހުސް ކޮންޓެއިނަރު ޖެހޭނެ. އަދި ކެޕޭސިޓީ އިތުރުވުމުގެ އިތުރަށް، 'އޮޕަރޭޝަން ކެޕޭސިޓީ' ރަނގަޅުވެގެންދާނެ،" އެމްޕީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ރޯދަ މަހަކީ ކުންފުނީގެ މަސައްކަތުގައި ބާރުބޮޑު އަދި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދުވެސް އިތުރުވެގެންދާ މައްސަރަކަށް ވުމާއެކު، މިހާރު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މައި ޕޯޓު (މާލެ ކޮމާޝަލް ހާބަރު)ގައި ކޮންޓެއިނަރު ޖާގަ މަދުވެ މުދާ ނުބޭލިގެން ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި އެމްޕީއެލްގެ ކޮންޓެއިނަރުތައް ބަހައްޓަން އެޗްޑީސީން އިތުރު ޖާގަ ދިނުމަށް އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އެމްޕީއެލް

"އަޅުގަނޑުމެން ކުންފުނީގެ އަމާޒަކީ، ބޯޓުން މުދާ އަވަހަށް ބާލައި ކަސްޓަމަރުންނަށް މުދާ އަވަހަށް ފޯރުކޮށްދިނުން،" އެމްޕީއެލް އިން ބުންޏެވެ.