ކޮވިޑުގެ ސަބަބުން ލިބުނުގެ ގެއްލުމުން އަރައިގަތުމަށް 219 ކުދި އަދި މެދު ފަންތީގެ ޓޫރިޒަމް ވިޔަފާރިއަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އީޔޫއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިން އެހީތެރިކަން ފާހަގަކުރުމަށް ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޖަމާއަތުގެ އެހީތެރިކަމާއެކު 181 ގެސްޓް ހައުސްއަށާއި 38 ސަފާރީއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 8.13 މިލިއަން ރުފިޔާގެ ހިލޭ އެހީ ގެސްޓް ހައުސްތަކަށް ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އީޔޫގެ ގްރާންޓް އެހީ ވިޔަފާރިތަކާ ހަމައަށް ފޯރުކޮށްދިނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން މެދުވެރިވެގެންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު ހުސެއިން ޒާމިރު ވިދާޅުވީ ކޮވިޑުގެ ސަބަބުން ގެސްޓް ހައުސްތަކަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށެވެ. އެގޮތުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކާ ހަވާލާދީ އޭނާ ވިދާޅުވީ، ޕެންޑެމިކްގެ ސީދާ އަސަރު 66 ޕަސެންޓް ގެސްޓް ހައުސްއަށް ވަރަށް ބޮޑަށް ކުރި ކަމަށާއި، އޭގެ ތެރެއިން 2020 ވަނަ އަހަރު އެކަނި ވެސް 28.9 މިލިއަން ޑޮލަރުގެ ގެއްލުން އެ ވިޔަފާރިތަކަށް ވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ޒާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާލަތުގައި އީޔޫއިން ދިން އެހީގެ ތެރޭގައި ސިއްހީ ދާއިރާއަށް އެއް މިލިން ޔޫރޯ އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ދިން 20 މިލިއަން ޔޫރޯގެ ސޮފްޓް ލޯން ހިމެނޭއިރު، މީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ޚަރަދުވީ ޑައިރެކްޓް ޓްރާންސްފާ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި 600،000 ޔޫރޯ ކުދި ވިޔަފާރިތަކުގެ އޮޕަރޭޝަނަލް ޓްރެއިނިންތަކަށް ޚަރަދު ކުރަން ހަމަޖެހިގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި އެހީގެ ސަބަބުން ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި، ވިލުންވެރި ވިޔަފާރިތަކެއްގެ ގޮތުގައި ބިނާކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދިން ވިޔަފާރިތައް ކުރިއަށްއޮތް ތަނުގައިވެސް ވިލުންވެރި ވިޔަފާރިތަކަށްވެ، މަޑު ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ވަރަށް ސާފު،" ޒާމިރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ މި ވިޔަފާރިތަކަށް ދޭން ޖެހުނު ކޮންމެ އެއްބާރުލުމެއް ދީ، ޢާލަމީވަބާއިން އަރައިގަނެ ވިލުންވެރި ވަރުގަދަ ވިޔަފާރީގެ ގޮތުގައި އަލުން ބިނާކުރެވިގެންދާނެ ކަމަށް ޔަޤީން ކޮށްގެން."

އީޔޫގެ ފަރާތުން މިވަފުދުގައި ހިމެނިވަޑައިގަންނަވާ ހެޑް އޮފް ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް މޯލްޑިވްސް ޖެނީ ކޮރެއިއާ ނޫންސް ވިދާޅުވީ، މި ޕްރޮޖެކްޓުތަކުގެ މައިގަނޑު އަމާޒަކަށްވީ ރާއްޖޭގެ ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ނެގެހެއްޓުމަށް ކުރެވެން ހުރިކަންކަން ކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިމަގުގައި ވެސް މި ވިޔަފާރިތަކަށް އެހީތެރިވެވޭނެ ގޮތްތަކަށް ބަލައި އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ތުލުސްދޫގައި ތިބި ގެސްޓް ހައުސްތަކުގެ ތެރެއިން، މި އެހީ ލިބުނުގެ ގެސްޓް ހައުސްތަކަށް ވަނީ ރަމްޒީ ޗެކެއް ދީފަ އެވެ.