ދިރާގުގެ ހިއްސާދާރުންނަށް މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި، ހިއްސާއަކަށް 6.20 ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ދިރާގުގެ 33ވަނަ އަހަރީ އާންމު ޖަލްސާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާފައި ވަނީ "ހައިބްރިޑް" މޮޑެލް އަކަށެވެ. މިދިޔަ ދެ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވޯޓު ނަގައިފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "ފަހި ވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.

ދިރާގުން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި 85 ޙިއްސާދާރުންނާއެކު 71,369,648 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ފަސް ރިޒޮލިއުޝަންއެއް ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ދިރާގުގެ ޖުމްލަ އާމްދަނީއަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު، 1.8 ޕަސެންޓް މަތީ އަދަދެކެވެ.

އެ ކުންފުނީގެ މުހިންމު ވިޔަފާރިތަކަށް ބަލާއިރު އެންމެ ބޮޑު އާންމުދަނީއެއް ލިބިފައިވަނީ ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ޚިދުމަތުންނެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ނަތީޖާއަކީ ރާއްޖޭގެ އިގްތިސާދު ހީނަރުކަމުން އަރައިގަތުމުގެ ދަތުރު ފަށާފައިވުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވަމުން އައުމުގެ ސަބަބުން ކަމަށް ދިރާގުން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިދިޔަ އަހަރު ޓެކްސް އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު 11 ޕަސެންޓް މަތީ އަދަދެކެވެ.

ދިރާގުގެ މާލީ ހާލަތަށް ރިޢާޔަތްކުރުމަށްފަހު، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 6.20 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ނިންމާފައިވެ އެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 33 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 4.13 ރުފިޔާގެ ފައިނަލް ޑިވިޑެންޑް އާއި މި އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވާ ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިވިޑެންޑްއަކީ 2020 ވަނަ އަހަރާ އަޅާބަލާއިރު ހިއްސާއަކަށް 1.03 ރުފިޔާ މަދު އަދަދެކެވެ.

"ކޮވިޑޮ-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްފަހު 2021 ވަނަ އަހަރު ވެގެންދިޔައީ ރިކަވަރީގެ އަހަރަކަށް. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ހޯދައިދިނުމަށާއި، ޑިޖިޓަލް ހަމަހަމަކަން ކުރިއަރުވާ، ޑިޖިޓަލް ފަރަގު ނައްތާލަން ގިނަ މަސައްކަތްތަކަކާއި އިންވެސްޓްމެންޓްތަކެއް ވަނީ ކުރެވިފައި. ގޭބިސީތަކަށް ދޭ އިންޓަނެޓްގެ ޚިދުމަތާއި މޯބައިލް ޑޭޓާގެ އަގު ހެޔޮކުރުމަށް ސަރުކާރުން ފަށާފައިވާ 'ނެޓްހެޔޮ' ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބްރޯޑްބޭންޑް އަދި މޯބައިލް ޑޭޓާ ޕޯޓްފޯލިއޯއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ވާނީ ގެނެވިފައި. ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މާލީ ހާލަތުވަނީ ރަނގަޅުވެފައި،" ދިރާގުން ބުންޏެވެ.

ދިރާގުން ބޭއްވި އެ ކުންފުނީގެ 33 ވަނަ އަހަރީ އާއްމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ދިރާގު

ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، މިދިޔަ އަހަރު ދުނިޔޭގެ ވަރުގަދަ މުއާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާ ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވެ އެވެ. އަދި ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ، ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، މި ޖަލްސާގައި، އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް 84 ވޯޓާއެކު، އަހުމަދު މުހައްމަދު ދީދީ ވަނީ އާ ޕަބްލިކް ޑިރެކްޓަރުގެ ގޮތުގައި ބޯޑަށް އައްޔަންކޮށްފަ އެވެ.