ފިޗް ރޭޓިންސް އިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދިން "ބީ" ރޭޓިން އިން "ސީސީސީ"އަށް ދަށްކޮށްފި އެވެ.

ހޮންކޮންގެ ކްރެޑިޓް ރޭޓިން އެޖެންސީން އިއްޔެ ނެރުނު ރޭޓިންސް އިން ވަނީ އެޗްޑީސީގެ ކްރެޑިޓް ރޭޓިން "ސީސީސީ" އަށް ދަށްކުރަން ޖެހުނީ ރާއްޖޭގެ ދައުލަތުގެ ދަރަނި ބޮޑުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ދިއުމާ ގުޅިގެންނެވެ. އެގޮތުން އެޗްޑީސީގެ ރޭޓިން ދަށްވެފައި ވަނީ އެކުންފުންޏަކީ ދައުލަތުގެ މާލީ އެހީތެރިކަން ލިބޭ ކުންފުންޏަކަށް ވުމުންނެވެ.

ފިޗުން އެޗްޑިސީންގެ ރޭޓިން ދަށްކުރީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

ކުރިން އަންދާޒާކުރި ވަރަށްވުރެ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހީނަރުވުމާއި ކޮވިޑް- 19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވުމުގެ ސަބަބުން ފިޗުން މިމަހުގެ ކުރީކޮޅު ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ"އަށް ދަށްކޮށްފައިވެ އެވެ. މި ރޭޓިންއަކީ އިގްތިސާދަށް ލޮޅުން ބޮޑު އަދި އިގްތިސާދު ރަނގަޅު ނުވެއްޖެނަމަ ދަރަނި އަދާ ނުކުރެވިދާނެ ކަމަށް ބެލެވޭ ގައުމުތަކަށް ދޭ ރޭޓިންއެކެވެ. އެ ރޭޓިން އަށްވުރެ ދަށް ރޭޓިންއެއް ފިޗުން އައުޓްލުކެއް ނުދެ އެވެ.

ފިޗުން ބުނެފައި ވަނީ އެޗްޑީސީއަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ދަށުގައި އޮންނަ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ޑިރެކްޓަރުން އައްޔަންކުރަނީ ރައީސް އޮފީހުން ކަމަށްވުމުން، އެ ކުންފުނީގެ ގިނަ ނިންމުންތައް ނިންމަނީ ސަރުކާރުގެ ބަހާއެއްގޮތަށް ކަމަށެވެ. އަދި އެޗްޑީސީއަށް ފައިސާ ހޯދުމުގެ ކަންތައްތަކުގައި ވެސް ސަރުކާރުން އިސް ދައުރެއް އަދާކުރާ ކަމަށާއި އެގޮތުން ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ ފަހުކޮޅު އެޗްޑީސީގެ ދަރަނީގެ 22 ޕަސަންޓް ދެއްކުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ، 73 ޕަސަންޓަށް ގެރެންޓީދީފައިވާ ކަމަށް ވެސް ފިޗުން ބުނެފައިވެ އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށާއި އެ ފިޔަވަހީގެ ތަރައްގީއަށް ހިންގާ އެހެން މަޝްރޫއުތަކަށް ބޭރުގެ އެކި ފަންޑިން އެޖެންސީތަކުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މީގެ ތެރެއިން ބައެއް ލޯނުތައް މިއަހަރު ވަނީ ދައްކަން ފަށައިފަ އެވެ.

ފިޗުން އަންދާޒާކުރާ ގޮތުގައި މިއަހަރު ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށްވެ، ރާއްޖޭގެ އިގުތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ.

ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައި ވަނީ ރާއްޖޭގައި ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކާއި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވެފައިވުމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ރާއްޖެ އަށް ބޭރު ފައިސާ ހޯދަން ވަނީ ދަތިވެފަ އެވެ. އަދި ބޭރުން ފައިސާ ހޯދާނެ އިންތިޒާމު ހަމަޖެހުނު ނަމަވެސް، ރާއްޖޭގެ ޓޫރިޒަމް ހަމައަކަށް ނޭޅެނީސް ފަސޭހަ އިން ބޭރު ފައިސާ ނުލިބޭނެ ކަމަށް ފިޗް އިން ބުންޏެވެ.

ބޭރުގެ ބޭންކުތަކުން މާލީ އިދާރާތަކުން ލޯނު ދިނުމުގައި އެތަނަށް ދޭ ރޭޓިންއަށް ވަރަށް ބޮޑަށް ރިއާޔަތްކުރެ އެވެ.