އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގައި، ބައިނަލްއަގްވާމީ މޭކަޕް ބްރޭންޑެއް ކަމަށްވާ ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް ރޭ ހުޅުވައިފި އެވެ.

ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓު ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާ އެވެ.

މި ހަފްލާގައި ނޯޓް ކޮސްމެޓިކްސްއިން ވަނީ މޮނޯ އައުޓްލެޓްގެ ރަމްޒީ ތަޅުގަނޑި އެސްޓީއޯ އާ ހަވާލުކޮށްފަ އެވެ. ނޯޓު ކޮސްމެޓިކްސްގެ ފަރާތުން ތަޅުދަނޑި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ރީޖަނަލް ޑިރެކްޓަރު ސިހާނެވެ. އެސްޓީއޯގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ އަމްރު އެވެ.

ނޯޓް ކޮސްމެޓިކްސް އިން ބުނިގޮތުގައި އެ ބްރޭންޑުގެ އުފެއްދުންތައް ތައްޔާރުކުރަނީ، ގޮތް ނޭނގޭ ކެމިކަލްތަކުން އެއްކިބާވެ، ހަލާލު ސެޓްފިކެޓްގެ ދަށުން ފައިދާހުރި ގުދުރަތީ މާއްދާތަށް ބޭނުންކޮށްގެންނެވެ. ނޯޓް ކޮސްމެޓިކްސް އަކީ ޔޫރަޕްގެ އުފެއްދުމެކެވެ.

ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާ އަދި ނޯޓް ކޮސްމެޓިކްސްގެ ރީޖަނަލް ޑިރެކްޓަރު ސިހާނު ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ވަނީ އެކުންފުނީގެ ސުޕަމާކެޓް "އެސްޓީއޯ ޕީޕަލްސް ޗޮއިސް" ބޮޑެތި ބަދަލުތަކެއް ގެނެސް ދާދި ފަހުން އަލުން ހުޅުވައިފަ އެވެ. މިގޮތުން އެސްޓީއޯގެ ތެރޭގައި ނިއު އެޑިޝަން، ސިޓީ އިންވެސްޓްމަންޓް، މަޑިހާ ކޮމްޕެނީ، އަސްރަފީ ބުކްޝޮޕް، ޕޮއިސް، މެކްސްކޮމް، މެރަތަން މޯލްޑިވްސް އަދި ޕީކަބޫއިން ލިބޭ އެކި މުދަލާއި ޚިދުމަތް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.