ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ހއ. ތަކަންދޫ އަދި ލ.ގަމުގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

ބީއެމްއެލް އިން ބުނީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން ތަކަންދޫ ސްކޫލުގައި ވަނީ އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމްކޮށް ރަށުގައި ކޮމިއުނިޓީ ފޮތް ހަރުގަނޑުތަކެއް ބަހައްޓާފަ އެވެ.

ބީއެމްއެލް އިން ބުނީ ތަކަންދޫ ސްކޫލް ތެރޭގައިވާ ހުސް ޖާގާގައި ފޮތް ހަރުގަނޑު ބަހައްޓާ ހިޔާކޮށް ހަޓު ޖަހާފައިވާ ކަމަށެވެ. މީގެ އިތުރުން ރަށުގެ އެކި ސަރައްހަދުތަކުގައި ފޮތް ހަރުގަނޑުތަކެއް ވެސް ބަހައްޓާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އެހީގައި ތަކަންދޫގައި އިމާރާތް ކުރި އައުޓްޑޯ ލައިބްރަރީ ހަޓް. ފޮޓޯ: ބީއެމްއެލް

މި ޕްރޮޖެކްޓާ ގުޅޭގޮތުން ތަކަންދޫ އެކުވެރިންގެ ރޫހުން ބުނީ މިހާތަނަށް ލައިބްރަރީއެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ސްކޫލް އޮފީސް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކަށް ވީ ދަރިވަރުން ފޮތް ކިއުމަށާއި ކްލާހުން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އެކަށީގެންވާ ރަނގަޅު ޖާގައެއް ހޯދައިދިނުން. ސްކޫލު އޮފީހާ ވަކިން މި ސަރަހައްދު ގާއިމްކުރުމުގެ ސަބަބުން މިތަން ވެގެންދާނި ދަރިވަރުންނަށް ފަސޭހަ މާހައުލަކަށް. އަޅުގަނޑުމެން ރަށުގައި ފޮތް ހަދިޔާ ކުރާ ކެންޕޭނެއް ބާއްވާ މި އައުޓްޑޯ ލައިބްރަރީ އަށް އަދި ރަށުތެރޭ ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑުތަކަށް އިތުރު ފޮތް އެއްކުރުމަށް ވަނީ ހަމަޖެހިފައި،" އެ ޖަމިއްޔާއިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ފޮނަދޫގައި ވެސް ސްކޫލު ސަރަހައްދުގައި އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމްކޮށްފައިވާ ކަމަށެވެ. މި ސަރަހައްދަކީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަކޮށް ގާއިމްކުރެވުނު ސަރަހައްދެކެވެ. މި ސަރަހައްދުގައި ގޮނޑިއާއި މޭޒު އަދި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފަ އެވެެ.

ބީއެމްއެލްގެ އެހީގައި ތަކަންދޫގައި އިމާރާތް ކުރި އައުޓްޑޯ ލައިބްރަރީ ހަޓް. ފޮޓޯ: ބީއެމްއެލް

މި ޕްރޮޖެކްޓާ ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފަރާތުން ފާތިމަތު ޝަހީދާ ވިދާޅުވީ މިއީ މި ރަށަށް ވަރަށް ބޭނުންތެރި ތަނެއް ކަމަށެވެ އަދި މި އައުޓްޑޯ ރީޑިން ސަރަހައްދުގެ ސަބަބުން ދަރިވަރުންގެ މެދުގައި ފޮތް ކިއުމަށް ލޯތްބާއި ޝައުގު އުފެދިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައިވެ އެވެ.