Advertisement

މަންޓާ އެއާ އިން ކޫއްޑޫ އަށް ދަތުރު ފެށުން އިފްތިތާހްކޮށްފި

FacebookTwitterWhatsAppTelegramViber

މަންޓާ އެއާ އިން ގއ. ކޫއްޑޫ އަށް ފްލައިތް އޮޕަރޭޓް ކުރަން ފެށުން މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ދަތުރުތައް ރަސްމީ ގޮތުން އިފްތިތާހް ކުރުމަށް މިއަދު ކޫއްޑޫ އެއާޕޯޓްގައި ބޭއްވި ރަސްމިޔާތު ޝަރަފުވެފެރިކޮށްދެއްވީ އެ އެއާޕޯޓް ތަރައްގީކޮށްފައިވާ ކުންފުނީގެ ހިއްސާދާރު މުހައްމަދު އަލީ ޖަނާހް (ޖަނާ) އެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން، ޖަނާ ވަނީ މީގެ 10 އަހަރު ކުރިން ގއ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރެއްވި މަސައްކަތާއި އޭނާ ކުރެއްވި ތަޖުރިބާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ، އެ އެއާޕޯޓް ތަރައްގީކޮށް، ފްލައިޓްތައް ޖެއްސުމަކީ އޭނާ ދެކެވަޑައިގެންނެވި ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

މީގެ ކުރިން، ގދ. ކާޑެއްދޫ އެއާޕޯޓުން ގއ. އަތޮޅަށް ދަތުރުކުރަން ގަޑިއެއްހާއިރު ހޭދަވާ ކަމަށާއި މޫސުން ގޯސް ނަމަ ދެ ގަޑިއިރު ވެސް ހޭދަވާކަން ޖަނާ ފާހަގަ ކުރެއްވި އެވެ.

2012 ވަނަ އަހަރު އެއާޕޯޓް ހުޅުވުނު ނަމަވެސް އެ އެއާޕޯޓް ނުހިންގިދާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، މިއަދު އިތުރު އެއާލަންތަކުން އެއާޕޯޓަށް ފްލައިޓް އޮޕަރޭޓްކުރުމަކީ އޭނާގެ ހުވަފެން ގާތްގަނޑަކަށް ހާސިލްވުން ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.

މަންޓާ އެއާ އިން މިއަދު ކޫއްޑޫ އަށް ކުރި ދަތުރުގެ ތަޖުރިބާ ވެސް ޖަނާ ހިއްސާކުރެއްވި އެވެ. އެގޮތުން، މަންޓާ އެއާގެ ދެ ސީޓް ދެމެދު ހުސްޖާގަ ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ފްލައިޓުން ލިބުނު ހިދުމަތުގެ ފެންވަރު ރަނގަޅުކަން ވެސް ފާހަގަކުރެއްވި އެވެ.

ގއ. އަތޮޅުގައި މިވަގުތު 1200 ޓޫރިސްޓް އެނދު ހުރިއިރު މަންޓާ އެއާ އިން ވަނީ ކޮންމެ ދުހަކު މާލެ އާއި ކޫއްޑޫއާ ދެމެދު ދެ ދަތުރު ކުރުމަށް ނިންމާފަ އެވެ.

"ގއ އަތޮޅުގައި އިތުރު ރިސޯޓްތައް ހެދިގެން އަންނާނެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެނދުގެ އަދަދު 2000 އަރާނެ،" ޖަނާ ވިދާޅުވި އެވެ.

މިއަދުގެ ރައްމިއްޔާތުގައި، މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މަންޓާ އެއާ އިން އަބަދު ވެސް ބަލަނީ ފަސިންޖަރުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި ފަސިންޖަރުންނަށް ވީހާ ވެސް ފަސޭހަ އިން ހިދުމަތް ދިނުމަށް އިތުރު އާ ހިދުމަތްތަކެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރީގެ ފައިދާ އަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބަލަނީ ފަސިންޖަރުންނަށް ރަނގަޅު، ހަނދާން ނުނެތޭނެ ފަދަ ތަޖުރިބާއެއް ދިނުމަށް،" ހަލީލް ވިދާޅުވި އެވެ.

މަންޓާ އެއާ އިން މިވަގުތު ދަތުރު ކުރަނީ ދ. ކުޑަހުވަދޫ އަދި ބ. ދަރަވަންދޫ އަށެވެ. ކޫއްޑޫ އަށް ރަސްމީކޮށް ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

ކޫއްޑޫ އަށް ދަތުރު ފެށުމުގެ ގޮތުން، މަންޓާ އެއާ އިން ވަނީ އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކަން ނިންމާފަ އެވެ. އެގޮތުން، ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ހަތް ދުވަސް ކުރިން ޓިކެޓް ބުކިން ހަދައިގެން 829ރ. އަށް އެއްކޮޅު ޓިކެޓް ވިއްކާއިރު ހަތަރު ދުވަސް ކުރިން ޓިކެޓް ބުކިން ހަދައިގެން 869ރ. އަށް އެއްކޮޅު ޓިކެޓް ލިބޭނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top