މޯލްޑިވިއަންއިން ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށައިފި އެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި އޮންނަ ރަތުމަލާނާ އެއާޕޯޓަކީ އެ ގައުމުގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. 55 އަހަރަށް ފަހު ބައިނަލްއަގުވާމީ ދަތުރުތައް ފަށާފައިވާއިރު، ރަތުމަލާނާ އެއާޕޯޓް ފުރަތަމަ ޖެއްސި ބައިނަލްއަގުވާމީ ފްލައިޓަކީ މޯލްޑިވިއަންގެ ބޯޓެކެވެ.

މި ފްލައިޓުން ދަތުރުކުރި މީހުންނަށް މަރުހަބާ ކިޔަން ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ސްރީލަންކާ އާއި ރާއްޖޭގެ އޮފިޝަލުން ބައިވެރިވެފައިވެ އެވެ.

މޯލްޑިވިއަން އިން ސްރީލަންކާއަށް ދަތުރުކުރުމަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މި ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވިއަންއިން މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން ސްރީލަންކާއަށް ދަތުރު ފަށަން މަސައްކަތް ކުރި އެވެ. އެގޮތުން މި މަސައްކަތް ކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރެވެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ލަންކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމީ އެއީ ގިނަ ދިވެހިން އުޅޭ ސަރަހައްދަކަށް ވާތީ ކަމަށެވެ.