ދިރާގުގެ މުވައްޒަފުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު، "ޗެއާޕާސަން އެވޯޑު" އިންޖިނިއާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އާކިޓެކްޗާ އިބްރާހިމް ޔާސިރު ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ އަހަރީ އެވޯޑު ނައިޓްގައި ޗެއާޕާސަންގެ އެވޯޑު ހަވާލުކޮށްދެއްވީ ސީއީއޯ އިސްމާއިލް ރަޝީދެވެ.

ދިރާގުން ބުނީ ޔާސިރަށް އެ އެވޯޑު ދިނީ މިދިޔަ އަހަރުގެ ތެރޭގައި އޭނާ ގެނެސްދިން ކާމިޔާބު ޕްރޮޖެކްޓާއި މަސައްކަތުގެ ހަގީގީ ފެންވަރުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ކްރޮސްރޯޑްގައި ރޭ ބޭއްވި މި ހަފުލާގައި އެ ކުންފުންޏަށް 10 އަހަރު އަދި 15 އަހަރާއި 25 އަހަރު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުން އޮތެެވެ. މިގޮތުން 2020 އަހަރާއި 2021 ވަނަ އަހަރާ ހަމަޔަށް އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކުރި 102 މުވައްޒަފަކަށް އިނާމުދިނުން އޮތެވެ.

ދިރާގުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު އޮންނަ ސްޓާފް ނައިޓްގައި ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: ދިިރާގު

ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށް ވެސް އެވޯޑް ދީފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 14 ޑިވިޝަނަލް މެރިޓް އެވޯޑް
  • 12 ސްޕެޝަލް މެރިޓް އެވޯޑް
  • ތިން އިނޮވޭޝަން އެވޯޑް
  • ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް

ދިރާގުގެ ސީއީއޯ އިސްމާއިލް މި ހަފްލާގައި ބައިވެރިވެ، ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި އެވޯޑު ލިބުނު ހުރިހާ މުވައްޒަފުންގެ ފަރާތުން މިދިޔަ އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ހިދުމަތްތައް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވެސް ސީއީއޯ ޝުކުރު އަދާކުރެއްވި އެވެ.

ދިރާގުން ބުނީ ކުރިޔަށް އޮތްތަނުގައި އެ ކުންފުނީގައި ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުން އޮންނާނެ ކަމަށެވެ.