ބިލިއަނަރު އިލަން މަސްކުގެ ކުންފުނި ސްޕޭސް އެކްސްއިން އެކުންފުނީގެ ކަސްޓަމަރުންނަށް ދެމުން އައި ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތުގެ އަގު ބޮޑު ކޮށްފި އެވެ.

ސްޕޭސް އެކްސްގެ ކަސްޓަމަރުންނަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި އީމެއިލްއެއްގައި އެ ކުންފުނިން ބުނެފައި ވަނީ މި ބަދަލު ގެންނަން ޖެހުނީ އުފުލެމުން އަންނަ އިންފްލޭޝަންގެ ސަބަބުން ކަމަށެވެ.

އަގަށް ގެނައި މި ބަދަލާއެކު ކުރިން 500 އެމެރިކާ ޑޮލަރަށް ލިބެމުން ވައިފައި ރައުޓަރު ދެން ލިބޭނީ 600 އަށެވެ. ހިދުމަތަށް އެދި ޑިޕޮލިޓް ދައްކާފައިވާ ކަސްޓަމަރުންނަށް ވެސް ދެން ހިދުމަތް ފޯރު ކޮށްދެވޭނީ މިހާރުގެ އަގުގައި ފައިސާ ދެއްކުމުން ކަމަށް އެކުންފުނިން ބުނެ އެވެ.

ހަމައެއާއެކު ކޮންމެ މަހެއްގެ ސަބްސްކްރިޕްޝަން ފީ އިން ވެސް 11 ޑޮލަރު އިތުރުކޮށް 110 ޑޮލަރަށް އަގު ބޮޑުކޮށްފައިވާ ކަމަށް ސްޕޭސް އެކްސް އީމެއިލްގައިވެ އެވެ.

މި ބަދަލާއެކު ހިދުމަތް ހުއްޓާލަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި ހިޔާލު ބަދަލުވެއްޖެ ނަމަ އަނބުރާ ހިދުމަތަށް އެދެން ކުރިއަށް އޮތް އަހަރު ދުވަހު އެކައުންޓް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ސްޕޭސް އެކްސްއިން ބުނެ އެވެ.

ސްޓާލިންކް ނެޓްވޯކްގައި މިހާތަނަށް 2،100 ސެޓެލައިޓް ހުރިއިރު މިއަހަރުގެ މެދާ ހަމައަށް އެ އަދަދު 42،000 އިތުރުކުރަން އެ ކުންފުނިން ބޭނުންވެ އެވެ.