ރޯދަ މަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމި ނައިޓް މާކެޓް ވަގުތު ނެތުމުން ކެންސަލްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން ރޯދަ އަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ސިޓީ ނައިޓް މާކެޓް" ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުން ނައިޓް މާކެޓް ކުރިއަށް ގެންދަން ހަމަޖެއްސީ މިއަދު އެވެ. އެއީ އުސްފަސްގަނޑުގައި 10 ދުވަހަށެވެ.

މާލެ އާއި ހުޅުމާލޭގައި ވެސް ދާދި ފަހަކުން ނައިޓްމާކެޓް ބާއްވާފައ ވެ އެވެ. މި ނައިޓްމާކެޓްތަކުގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބައިވެރިވި އެވެ. ފަހުން ނައިޓް މާކެޓްތައް ހުއްޓާލީ މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުންނެވެ.

ކޮވިޑް 19 ގެ ކުރިން ރާއްޖޭގައި ރޯދަ މަހާއި ބޮޑު ޗުއްޓީއާއި ދިމާކޮށް އަބަދުވެސް ނައިޓް މާކެޓް ބާއްވަ އެވެ. ނައިޓް މާކެޓަށް ވިޔަފާރިކޮށްލަން ދިއުމަކީ ގިނަ ބައެއްގެ އޭރުގެ އާދަ އެކެވެ.