ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. ދިގުރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި އިއްޔެ ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ހެދި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން އދ. ދިގުރަށުގައި ބެހެއްޓި އޭޓީއެމް އިން ކަސްޓަމަރަކު ޚިދުމަތް ހޯދަނީ. ފޮޓޯ: ބީއެމްއެލް

އެ ބޭންކުން ބުނީ އެ ހިދުމަތާއެކު އދ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް މިހާރު ތިން ރަށަކުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ބޭންކުން އަންނަނީ މާމިގިލީގައި އޭޓީއެމްގެ ހިދުމަތްދޭއިރު މަހިބަދޫގައި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ 24 ގަޑިއިރު ހިދުމަތް ދޭ އެ ސެންޓަރުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ އޭޓީއެމް އެއް ބަހައްޓާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ވަނީ ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫ އާއި އުކުޅަހުގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 64 ސެލްފްސާވިސް ބޭންކިން ސެންޓަރު، 127 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.