Advertisement

ގޯއެއާ އިން އަލުން ރާއްޖެ އަށް ދަތުރުތައް ފަށައިފި، 3 ސިޓީއަކުން ސީދާ ދަތުރު

FacebookTwitterWhatsAppTelegramViber

މެދުކެނޑުމަކަށް ފަހު އިންޑިއާގެ ގޯއެއާ އިން އަނެއްކާ ވެސް ރާއްޖެ އަށް ދަތުރުތައް ފަށައިިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެންމެ ފުރަތަމަ ރާއްޖެ އަށް ދަތުރުތައް ފެށި ގޯއެއާ އިން މިދިޔަ ޖުލައި މަހު ވަނީ ދަތުރުތައް ހުއްޓާލާފަ އެވެ.

ފަސް މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު އަލުން ދަތުރުތައް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ވަނީ ހާއްސަ ހަފްލާއެއް ވެސް ބާއްވާފަ އެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

ގޯއެއާ އިން ރާއްޖެ އަށް އަލުން ދަތުރު ފަށާފައި ވަނީ އިންޑިއާގެ ތިން ސިޓީއަކުންނެވެ. އެއީ ވެރިރަށް ނިއު ދިއްލީ، ބެންގަލޫރު އަދި މުމްބާއީ އެވެ. މި ތިން ސިޓީން ވެސް ސީދާ ދަތުރު ރާއްޖެ އަށް ކުރުމަށް ހަމަޖެހިފައިވާއިރު، ހަފްތާ އަކު ފަސް ދުވަހު ދަތުރު ކުރާނެ އެވެ.

އަލުން ދަތުރުތައް ފެށިއިރު، މުމްބާއީ-މާލެ-މުމްބާއީ އަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އެވެ. ދިއްލީ-މާލެ-ދިއްލީ އަށް ހޯމަ، ބުދަ އަދި ހޮނިހިރުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ބެންގަލޫރު-މާލެ-ބެންގަލޫރު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހާއި އާދީއްތަ ދުވަހު އެވެ.

ގޯއެއާގެ ދަތުރުތައް އަލުން ރާއްޖެ އަށް މި ފެށީ އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ދުވަސްވަރާ ދިމާކޮށެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހުން ފެށިގެން އިންޑިއާ ވަނީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓަށް ވެފަ އެވެ. މިދިޔަ މަހު އިންޑިއާ އިން 11,265 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top