ޅ. މަޑިވަރުގައި ހަދާ އެއާޕޯޓްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއް ހަމައެއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރައްވާ ކަމަށެވެ. އެގޮތުން މަސައްކަތް ފަށާފައި ނުނިމި ހުރި އެއާޕޯޓްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި މާވަރުލު އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމައި ޝެޑިއުލް ދަތުރުތައް ފަށާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވެފައިވެ އެވެ.

"ހޯރަފުށި އެއަރޕޯޓް މިމަސްތެރޭ ހުޅުވޭނެ، މަޑިވަރު އެއާޕޯޓްގެ ޚިދުމަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް މަސައްކަތްކުރަނީ. މި އެއާޕޯޓްތަކާއެކު ވައިގެ ދަތުރުފަތުރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ނަހުލާ ވިދާޅުވެފައި ވަނީ ހޯރަފުށީ އެއާޕޯޓު މިމަހު ހުޅުވާއިރު، ޅ. މަޑިވަރު އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމައި އަންނަ އަހަރު ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޓީވީއަކަށް އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: ޓްރާންސްޕޯޓް

ޅ. އަތޮޅުގެ ގިނަ ރިސޯޓުތަކެއް ހިންގާ ކުރެއްދޫ ހޮލްޑިންއިން ހަދާ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެއި، 29، 2018 ގަ އެވެ. އެ އެއާޕޯޓު ހެދުމުގެ މަސައްކަތްކުރަނީ އެއާޕޯޓުގެ ރަންވޭ އާއި ސީޕްލޭން ޓާމިނަލް ހެދި ޗައިނާގެ ބީޔޫސީޖީންނެވެ.

މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިން 11 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ އެ އެއާޕޯޓުގައި 1،200މީޓަރުގެ ރަންވޭ އަކާއި ފަސިންޖަރުންގެ ޓާމިނަލެއް އަދި އެއާ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔާ ބިލްޑިންއެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އެ ރަށުގައި ސިޓީ ހޮޓަލެއް ހެދުން ވެސް ހިމެނެ އެވެ.

މަޑިވަރަކީ މީގެ ކުރިން ސިފައިން ތަމްރީންތަކުގައި ބޭނުން ކުރި ރަށެކެވެ. ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށެއް އޮންނައިރު، އެއީ ހިންނަވަރާއި ނައިފަރާއި ކުރެންދޫ އަދި އޮޅުވެލިފުށީގަ އެވެ. އެ އަތޮޅުގައި ފަސް ރިސޯޓު އޮންނައިރު، އިތުރު ރިސޯޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.